ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަށް ދިރާގުން އެހީ ފޯރުކޮށްދެނީ

ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުންދޭ ޚިދުމަތްތަކުގައި އެހީތެރިވުމަށް ދިރާގުން ނިންމައިފިއެވެ. ދިރާގުން ބުނީ ދިވެހި ރެޑް ...

17 Aug 2022 | 05:53

ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުންދޭ ޚިދުމަތްތަކުގައި އެހީތެރިވުމަށް ދިރާގުން ނިންމައިފިއެވެ.

ދިރާގުން ބުނީ ދިވެހި ރެޑް ކްރެސެންޓުގެ ފުރަތަމަ ކޯޕަރޭޓް މެމްބަރު ކަމުގައިވާ، ދިރާގުން ކޯޕަރޭޓް މެމްބަރޝިޕް އައުކޮށްފައިވާ ކަމަށެވެ.

2018 ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރޝިޕް އައުކޮށް ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގުގެ މި އިސްނެންގެވުމާއިއެކު އައު ކުރެވުނު މެމްބަރޝިޕްގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެއެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ.

މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްޤީކުރުމަށް އެހީތެރިކަން ލިބިގެންދެއެވެ.

ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓު ގެ ކޯޕަރޭޓް މެމްބަރޝިޕް އައުކޮށް ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި ގައުމީ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

""ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި ހުރިހާ ވޮލަންޓިޔަރުން ކުރައްވަވާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް ރެޑް ކްރެސެންޓް ދުވަހުގެ ތަހުނިޔާ  ދިރާގުގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ފަރާތުން އަރިސް ކުރަން." މިރުޝާން ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ނަފްސާނީ އިޖުތިމާޢީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ފަދަ ޓެލެކޮމިއުނިކޭޝަނާއި ގުޅުން ހުރި ޚިދުމަތްތައް ދިނުމުގައި ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.

2018 ވަނަ އަހަރުން ފެށިގެން ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓް އާއި ދެމެދު ޤާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް