ބޮލީވުޑް ޝޮކެއްގައި، މަޝްހޫރު ތަރިންގެ ފިލްމުތައް ބަލާނެ މީހަކު ނެތިގެން ފްލޮޕްވަނީ!

އިންޑިއާގެ ހިންދީ ސިނަމާ، ބޮލީވުޑްގައި މަސައްކަތް ކުރާ މީހުން ތިބީ ބޮޑު ޝޮކެއްގައި ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ. ކޯވިޑުގެ ހާލަތަށް ފަހު އިންޑިއާގެ ސިނަމާތަކުގައި ކުރިއެކޭ އެއްގޮތަށް ފިލްމު އ...

17 Aug 2022 | 03:44

އިންޑިއާގެ ހިންދީ ސިނަމާ، ބޮލީވުޑްގައި މަސައްކަތް ކުރާ މީހުން ތިބީ ބޮޑު ޝޮކެއްގައި ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

ކޯވިޑުގެ ހާލަތަށް ފަހު އިންޑިއާގެ ސިނަމާތަކުގައި ކުރިއެކޭ އެއްގޮތަށް ފިލްމު އަޅުވަން ފެށީ މިއަހަރުގެ ކުރީކޮޅު އެވެ. މިއަހަރުގެ މިހާތަނަށް މަޝްހޫރު ގިނަ ތަރިންގެ ފިލްމުތައް ރިލީޒް ކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ޝާހިދު ކަޕޫރު، ކަރީނާ ކަޕޫރު، އަކްޝޭ ކުމާރު، އާމިރު ހާން، ޓައިގާ ޝްރޮފް، ކާރްތިކް އާރްޔަން އަދި ކަންގަނާ ރަނާވަތު ހިމެނެ އެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެކަކީ ކަންގަނާ ރަނާވަތެވެ.

ފްލޮޕް ލިސްޓަށް ފުރަތަމަ ކަންގަނާގެ ފިލްމެއް އެރުމުން ގިނަ ބަޔަކު ހީކުރީ އެއީ އޭނާ އަނގަގަދަކަމުން މީހުން އޭނާ ބޯއިކޮޓް ކުރީ ކަމަށެވެ. އެކަމަކު ޖެހިގެން ރިލީޒް ކުރި އަކްޝޭގެ ފިލްމާއި ޓައިގާގެ ފިލްމުގެ އިތުރުން މިހާރު ކަރީނާ އާއި އާމިރުގެ ފިލްމަކާއި އަކްޝޭގެ ފަހުގެ ފިލްމު ފްލޮޕްވުމުން މިއުޅެނީ މީހެއްގެ މައްސަލައެއް ނުވަތަ ފިލްމުގެ މައްސަލައެއް ނޫންކަން ވަނީ އެނގިފަ އެވެ.

މިއަހަރު ފިލްމުތައް ރިލީޒް ކުރަން ފެށީ ބޮލީވުޑް ބޯއިކޮޓް ކުރަން ގޮވާލާ އަޑު ވަރަށް ގަދަވެފައި ވަނިކޮށެވެ.

އެއީ ހަމައެކަނި މަޝްހޫރު މީހުންގެ ދަރިންނަށް ފުރުސަތުތައް ލިބޭ މައްސަލަ އާއި އާންމު މީހަކަށް ރަނގަޅު ފިލްމަކުން ފުރުސަތު ނުދިނުމުގެ އިތުރުން ތަރިންގެ މެދުގައި މަޝްހޫރު ޑައިރެކްޓަރުން ގެންގުޅޭ ތަފާތު ކުރުމުގެ މައްސަލައިގަ އެވެ. އަދި އެހެން ބަސްބަހުގެ ފިލްމުތަކުގެ ރިމޭކް ހެދުން އިތުރުވެފައިވާތީ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެންމެ ފަހުން ރިލީޒް ކުރި އާމިރުގެ "ލާލް ސިންގް ޗައްދާ" އަކީ ރީތި ފިލްމެކެވެ. އެކަމަކު އެ ފިލްމު ފްލޮޕްވީ އާމިރާއި ދެކޮޅަށް ކުރަމުންދާ އެންޓީ ކެމްޕެއިންތަކުގެ ސަބަބުން ސިނަމާތަކަށް އެ ފިލްމު ބަލަން ދާނެ މީހަކު ނުވެގެންނެވެ.

މި ފިލްމާއި މިދިޔަ ހަފްތާގައި ރިލީޒް ކުރި އަކްޝޭގެ "ރަކްޝާ ބަންދަން" އަޅުވަން ބުކް ކޮށްފައި ހުރި ތަންތަނުގެ ތެރެއިން 30 ޕަސެންޓު ސިނަމާތަކުން ވަނީ ބަލާނެ މީހަކު ނެތިގެން ކެންސަލް ކޮށްފަ އެވެ.

މިއަހަރު ކާމިޔާބު ލިބުނީ ހަމައެކަނި ކާތިކަށެވެ. އޭނާގެ ފިލްމު "ބޫލް ބުލައިޔާ 2" ބެލުންތެރިން ބަލައިގެންފަ ވާއިރު އެ ފިލްމުވަނީ ބޮޑު ހިޓަކަށްވެފަ އެވެ.

މި މައްސަލައިގަ މިއަހަރު ސިނަމާގައި ރިލީޒް ކުރަން ހަމަޖެހިފައި ހުރި ބޮލީވުޑް ފިލްމުތަކުގެ ކުރިމަގާއި މެދު ވަނީ ވަރަށް ބޮޑަށް ބަހުސް ކުރަން ފަށާފަ އެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ކުރިޔަށް ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުތަކަށް މިހެން ދިމާވުމަކީ ފުރުސަތު ބޮޑު ގޮތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް