ކެމިކަލް ހަތިޔާރު ހުރި ނަމަވެސް އެ ހަތިޔާރުގެ ބޭނުން ކުރާކަށް ޔުވެންޓަސްއަކަށް ނޭންގޭ: މޮރީނިއޯ

އިޓަލީގެ ޔުވެންޓަސްގައި ކެމިކަލް ހަތިޔާރެއް އެބަ ހުރި ކަމަށާއި އެހެން ނަމަވެސް އެ ހަތިޔާރުގެ ބޭނުން ހިފަން އެ ކުލަބަށް ނޭންގޭކަމަށް ބުނެ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ޔުވެންޓަސްއަށް ވަރަށް ބޮޑަށް ފާޑުކިޔަ...

17 Aug 2021 | 18:28

އިޓަލީގެ ޔުވެންޓަސްގައި ކެމިކަލް ހަތިޔާރެއް އެބަ ހުރި ކަމަށާއި އެހެން ނަމަވެސް އެ ހަތިޔާރުގެ ބޭނުން ހިފަން އެ ކުލަބަށް ނޭންގޭކަމަށް ބުނެ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ޔުވެންޓަސްއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

މޮރީނިއޯ މިހެން ބުނެފައި އެވަނީ ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނިސްބަތްކޮށެވެ. އޭނާ ބުނީ ރޮނާލްޑޯގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޔުވެންޓަސްއަށް ނޭންގޭ ކަމަށެވެ.

މޮރީނިއޯ މިހެން ބުނީ އިޓަލީގެ ޓީވީ ޗެނަލްއަކަށް ދިން ބަސްދީގަތުމެއްގައެވެ. މޮރީނިއޯ ބުނީ ރޮނާލްޑޯ އަކީ މޮޅު އަދި ގޯލާއި ރައްޓެހި ފޯވާޑެއް ކަމަށާއި އެހެން ނަމަވެސް ރޮނާލްޑޯގެ ބޭނުން ހިފަން ނޭންގޭނަމަ ރޮނާލްޑޯގެ މޮޅުކަން ނުދެއްކޭނޭ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޔުވެންޓަސްގައި ރޮނާލްޑޯ ލައްވާ ކުޅުވަން ރަނގަޅު ފެންވަރުގެ ކުޅުންތެރިންތަކެއް ބޭނުންވާ ކަމަށާއި މިހާރު އޮތް ސްކޮޑުގައި އެ ފެންވަރުގެ ކުޅުންތެރިން ނެއްކަމަށެވެ.

އަދި ރޮނާލްޑޯއަށް އޭނާގެ އަސްލުކުޅުން ނުދެއްކޭ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން ދާ ކަމަށާއި ނަމަވެސް އެފަދަ ފާޑުކިޔުންތައް އެ ކިޔަނީ ރަނގަޅަށް ފުޓްބޯޅަ ނޭންގޭ މީހުންކަމަށް މޮރީނިއޯ ބުންޏެވެ. ރޮނާލްޑޯ އަކީ މީހުން ފާޑުކިޔާ ވަރަށްވުރެ މޮޅު ފުރިހަމަ ކުޅުންތެރިއެއް ކަމަށް ވެސް މޮރީނިއޯ ވަނީ ބުނެފައެވެ.

މޮރީނޮއޯ ވަނީ މީގެ ކުރިން ރޮނާލްޑޯއާއި އެކު މަސައްކަތް ކޮށްފައެވެ. އެގޮތުން ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗުކަމާއި 2010 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި އިރު ރޮނާލްޑޯ ހުރީ ރެއާލް މެޑްރިޑްގައެވެ. މޮރީނިއޯ ރެއާލްގައި ހޭދަކުރި ދެ ސީޒަނުގައި އޭނާގެ ކޯޗުކަމުގައި ރޮނާލްޑޯ ވަނީ ރެއާލްގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މޮރީނިއޯ ރޮނާލްޑޯއަށް ތައުރީފު ކޮށް ވާހަކަ ދެއްކިއިރު، މޮރީނިއޯ ވަނީ އޭނާގެ މިހާރުގެ ކުލަބު ރޯމާއަށް ރޮނާލްޑޯ ގެނައުމަށް މަސައްކަތްވެސް ކޮށްފައެވެ. އެހެން ނަމަވެސް މޮރީނިއޯއަށް އެކަން ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

ޔޫރަޕުގެ ބޮޑެތި ގިނަ ކުލަބުތަކަށް ކޯޗު ކޮށްދީ ކާމިޔާބީތަކެއްވެސް ހޯދާފައިވާ މޮރީނިއޯ އިޓަލީގެ ރޯމާގެ ކޯޗުކަމާއި ހަވާލުވީ މިއަހަރުއެވެ. ނިމިގެން ދިޔަ ސީޒަނުގައި އޭނާ ހުރީ ޓޮޓެންހަމްގެ ކޯޗަކަމުގައެވެ. ނަމަވެސް ޓޮޓެންހަމަށް އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ހޯދައި ނުދެވުމުން އެޓީމުގެ ކޯޗުކަމުގެ މަގާމުން ނޮރީނިއޯ ވަނީ ވަކިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް