ކާށިދޫ ދާއިރާގެ މެމްބަރު އަބްދު ޖާބިރު މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ފަސް މިލިއަން ރުފިޔާ ދިން ކަމަށް ބުނާ ވާހަކަ ޖުމްހޫރީ ޕާޓީން ދޮގުކޮށްފި އެވެ.
އެ ފައިސާތައް ގާސިމަށް ދިން ކަމަށް ޖާބިރު ވިދާޅުވަނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މެދުވެރިކޮށެވެ. އެ މައްސަލައިގެ އިތުރުން އިތުރު ދެ މައްސަލައެއް ހުށަހަޅާފަ އެވެ.
ޖާބިރު މިއަދު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މައްސަލަ ހުށަހަޅުއްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ގާސިމަށް ފަސް މިލިއަން ޑޮލަރު ދެއްވީ 2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދުވަސް ވަރުގައި ތ. ތިމަރަފުށީގައި ހުރެ ކަމަށެވެ. އެކަމަކު އެ ފައިސާ ދީފައި ނުވާއިރު، ޖުމްހޫރީ ޕާޓީއަށް ހޭދަތައް ކުރުވުމަށް ފަހު އެޕާޓީން އޭނާ ބޭރުކޮށްފައިވާ ކަމަށެވެ..
މީގެ އިތުރުން ގާސިމް އިބްރާހީމް ގެ ޕާޓީގެ ޓިކެޓްގައި ކާށިދޫ ދާއިރާގެ ގޮނޑިއަށް އޭނާ ކުރިމަތިލައި ކެމްޕެއިން ކުރަމުން ދިޔަ ދަނޑިވަޅުގައިވެސް އަނބުރާ އަދާކޮށްދޭނެ ކަމަށް ބުނެ ފަސް ލައްކަ އެމެރިކާ ޑޮލަރު ނެގި ކަމަށް ފާހަގަކުރައްވާފައިވެއެވެ.
މި މައްސަލައިގަ މިއަދު ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ގާސިމް އާއި ހަވާލާދެއްވާ ވިދާޅުވީ ޖާބިރުގެ އަތުން ފަސް މިލިއަން ޑޮލަރު ނަގާފައި ނުވާ ކަމަށެވެ. އަދި ޖާބިރު ދައްކަވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ޖާބިރު މިފަދަ ބުހުތާނު ދޮގު ވާހަކަ ދެއްކުން ވަގުތުން ވަގުތަށް ހުއްޓާލައި، ހެއްދެވި ފަރާތަަށް ތައުބާވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އިންސާނުންގެ ކަރާމަތަށް އަރައިގަތުމަށް ޖާބިރު ކުރައްވާ މި ނާތަހުޒީބް އަމަލުތައް މިހާރު މި ގައުމުގައި ވަނީ ބޮޑު ޖޯކަކަށް ވެފައި ކަމަށާއި މީހުންގެ މުދަލަށް ގެއްލުން ދިނުމާއި މަޖިލިހާއި މަޖިލީހުން ބޭރުގައި ޖާބިރުގެ ބަސް މަގު ހުރި ގޮތުން ޖާބިރު ބުއްދި ސަލާމަތުން ހުރިތޯ ބަލަން ޖެހޭ ކަމަށެވެ.
ޖާބިރު ވަނީ މައުމޫންވެސް އޭނާ އަތުން މއ. ކިބިގަސްދޮށުގެ ރަހުނުކޮށް ފައިސާ ނެގިކަމަށް ބުނެ ކޯޓަށް ގޮސްފަ އެވެ. އެކަމަކު އެ ފައިސާ ނެގިކަން މައުމޫން ދޮގު ކުރައްވާފައިވާއިރު ކޯޓުގައި ޖާބިރަށް އެކަން ސާބިތުކޮށްދެވިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް