އއ. މާޅޮހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ.
އޭނާ މި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާ، މަސައްކަތްކުރާ މީހުންނާ ބައްދަލުކުރައްވާފައިވަނީ މިއަދު އެރަށަށް ކުރެއްވި ޒިޔާރަތެއްގަ އެވެ.
އާޒިމްގެ މި ދަތުރުގައި އެމްޓީސީސީގެ ޓީމު ވަނީ މާޅޮހުގެ ކައުންސިލާއި ބައްދަލުކުރައްވާ ވަނީ މަޝްރޫއުއާއި ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ.
އެރަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގައި 24،335 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި 407 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާ 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލާ 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމަށް ވެސް ނިންމާފައި ވެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގައި 1970 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ރޭމްޕް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުން ވެސް ވަނީ ހިމަނާފަ އެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
56.97 މިލިއަން ރުފިޔާގެ މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ ނޮވެންބަރު 10، 2020 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް