ސިވިލް ސަރވިސް ކޮމިޝަނަށް ޕާކިސްތާނުން އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކޮށްފި

ޕާކިސްތާނު ހައިކޮމިޝަނުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ގޮތުގައި އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކުރައްވައިފި އެވެ. މި އިކިއުޕްމެންޓްތައް ޕާކިސްތާނުގެ ފަރާތުން ސިވ...

17 Aug 2021 | 11:50

ޕާކިސްތާނު ހައިކޮމިޝަނުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ގޮތުގައި އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކުރައްވައިފި އެވެ.

މި އިކިއުޕްމެންޓްތައް ޕާކިސްތާނުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނާ ހަވާލުކުރެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔާރޑް) އަތުހަރު މުޚްތާރު އެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙުއެވެ.

ޕާކިސްތާނު ހައިކޮމިޝަނުން ސިވިލް ސަރވިސް ކޮމިޝަނަށް ހަދިޔާ ކުރެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ "75 ސްމާރޓް ޓީވީ، 16 ކޮމްޕިއުޓަރ ސިސްޓަމް، 6 މޮނިޓަރ އަދި 3 ލެޕްޓޮޕެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙު ވަނީ ރާއްޖެއާއި ޕާކިސްތާނާ އޮންނަ ގާތްގުޅުމަށް އަލިއަޅުވާލައްވާފަ އެވެ. އަދި ޕާކިސްތާނު ސަރުކާރާއި ޕާކިސްތާނު ހައިކޮމިޝަނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ސިވިލް ސަރވިސް ކޮމިޝަނާއެކު ޕާކިސްތާނު ހައިކޮމިޝަނުން ބާއްވާ ގާތްގުޅުން ފާހަގަކުރައްވައި، ހަދިޔާ ކުރެއްވި ތަކެތީގެ ސަބަބުން ސިވިލް ސަރވިސް އަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަތީ ފެންވަރެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދޭ ސަރވިސްއަކަށް ހެދުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް ނާޞިހު ވިދާޅުވި އެވެ.

މީގެ އިތުރުން، ޕާކިސްތާނު ހައިކޮމިޝަނުން ހަދިޔާ ކުރެެއްވި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ސިވިލް ސަރވިސް ކޮމިޝަނުން ދެމުން ގެންދާ ޚިދުމަތްތައް ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެކަމަށް ވެސް ވިދާޅުވި އެވެ.

https://twitter.com/cscmaldives/status/1427564484609011715

ޕާކިސްތާނު ސަރުކާރުން މިއަދު ހަވާލުކުރެއްވި ތަކެއްޗަކީ ސިވިލް ސަރވިސް ކޮމިޝަނުން، ދިވެހި ސިވިލް ސަރވިސް އިތުރަށް ތަރައްގީކޮށް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނު ސަރުކާރުން ދެއްވި އެހީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް