މަޖިލީހުން ކުރާނެ ކަމެއް ނެތްކަމަށް ބުނިއިރު، ސަރުކާރުން ބުނަނީ މިހާރުވެސް ދެ ބިލެއް ފޮނުވާފައިވާނެކަމަށް

މަޖިލީހުން ކުރާނެ ކަމެއް ނެތްކަމަށް ބުނިއިރު، ސަރުކާރުން ބުނަނީ މިހާރުވެސް ދެ ބިލެއް ފޮނުވާފައިވާނެކަމަށް ބުނެފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މިހެން ވިދާޅުވެފައިވަނީ މަޖ...

17 Aug 2021 | 11:37

މަޖިލީހުން ކުރާނެ ކަމެއް ނެތްކަމަށް ބުނިއިރު، ސަރުކާރުން ބުނަނީ މިހާރުވެސް ދެ ބިލެއް ފޮނުވާފައިވާނެކަމަށް ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގައި ބަހުސް ކުރާނެ ބިލުތަކެއް ނެތުމުން މަޖިލީހުގައި މިވަގުތު ކުރާނެ މާބޮޑު މަސައްކަތެއް ނެތް ކަމަށް ދޭހަވާ ގޮތަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވުމާ ގުޅިގެން ނެވެ.

ވިދާޅުވީ މަޖިލީހުގެ މިދައުރަށް ސަރުކާރުން ހުށަހަޅަން ބޭނުންވާ ބިލްތަކުގެ ތެރެއިން ދެ ބިލެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕަށް ފޮނުވާފައިވާނެ ކަަމަށެވެ.

އީވާ ވިދާޅުވެފައިވަނީ ނިމިގެން ދިޔަ މަޖިލީހުގެ ދައުރުގައި ގިނަ ބިލުތަކެއްގެ ބަހުސް ނިންމާ، އެ ބިލުތައް މިހާރު އޮތީ ކޮމިޓީ މަރުހަލާގައި ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ތަޅުމުގެ ބަދަލުގައި މިވަގުތު މަސައްކަތް ކުރެވެން އޮތީ ކޮމިޓީތަކުގައި ކަމަށާއި މަޖިލީހުގެ މި ހިނގާ ދައުރަށް 32 ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ސިޓީ އަކުން އަންގަވާފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ ބިލްތައް މަޖިލީހުގެ އިދާރާ އަށް ލިބިފައިނުވާ ކަމަށް ވެސް އީވާ ވަނީ ވިދާޅުވެފަ އެވެ.

އީވާގެ ވާހަކަތަކާ ގުޅިގެން މަބްރޫކް މިއަދު ވިދާޅުވީ މަޖިލީހުގެ މިދައުރަށް ސަރުކާރުން ހުށަހަޅަން ބޭނުންވާ ބިލްތަކުގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕަށް ފޮނުވާފައިވާނެ ކަަމަށެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރެއް މެދުވެރިކޮށެވެ.

މި ދައުރުގައި މަޖިލީހަށް ހުށަހަޅަން ނިންމީ 32 ބިލެކެވެ.

އޭގެ ތެރޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިތުރު އިސްލާހެއް ގެނައުމުގެ ބިލާއި، ހެއްކާ ބެހޭ ބިލާއި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ. އަދި ނިއުސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގގެ ބިލު ފަދަ މުހިންމު ބިލުތައް ވެސް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

ނަމަވެސް އެ ބިލުތައް މަޖިލީހަށް ފޮނުވާނެ ސީދާ ދުވަހެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ބިލުތައް ފޮނުވަން ލަސްވާ މައްސަލައިގައި އެޓަރނީ ޖެނެރަލް އޮފީހުން ބުނީ އެކަމާ ގުޅޭ ގޮތުން މިވަގުތު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް