މި އަހަރުގެ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 15 އާ ހަމައަށެވެ. އަދި އެ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެގޮތުން އެޕްލިކޭޝަން ލިންކަަށް ނުވަތަ ސޯޝަލް ސެންޓަރުންވެސް އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށާއި ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ.
މި އަހަރުގެ ޒުވާނުންގެ އިނާމު 18 ދާއިރާއަކުން ދިނުމަށް ނިންމާފައިވާ އިރު، މި އެވޯޑު ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ އެކިއެކި ދާއިރާތަކުގައި ޒުވާނުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުން ކަމަށް ވެސް ޔޫތް މިނިސްޓްރީން ބުނެއެވެ.
މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 36 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި މަދުވެގެން ފަސް އަހަރު ދާއިރާގެ ތެރޭ އުޅެފައި ހުރުންވެސް ޝަރުތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދޭ ޚާއްސަ އެވޯޑާއި ސެޓްފިކެޓް ލިބޭނެ އެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.
އިނާމު ދިނުމަށް ހަމަޖެހިފައިވާ 18 ދާއިރާ:
- ވިޔަފާރިއާއި އިގްތިސާދު
- އާޓް - ފަންނުވެރި ޒުވާނާ
- މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
- ސިއްހީ ނުރަނގަޅު އާދަތަކާއި ދެކޮޅަށް މަސައްކަތްކުރުން
- ކުޅިވަރަށް ހިދުމަތްކުރުން
- ދަރުމަވެރިކަން
- ނަފްސާނީ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުން
- ދަނޑުވެރިކަން
- މަސްވެރިކަން
- މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް މަސައްކަތްކުރުން
- ވޮކޭޝަނަލް ޓްރެއިނިން - ދަސްކޮށްދިނުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
- ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ދިވެހި ބަހާއި ސަގާފަތަށް ހިދުމަތްކުރުން
- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ ( ހާއްސަ އިނާމު)
- ނޭޝަނަލް ޔޫތު ވޮލަންޓިއާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓްރީ އިން ދޭ ހާއްސަ އިނާމު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް