އަފްގާނިސްތާނުގައި ތިބި މީހުން ގައުމުން ބޭރު ކުރަން ދިޔަ އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއްގެ ފުރޮޅައިގަ އެލިގެން ގައުމުދޫކޮށް ދާން އުޅުނު ބަޔަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެވެ. އަފްގާނިސްތާނުގެ ސަރުކާރު ވެއްޓި ތޯލިބާނުންގެ ބާރުގެ ދަށަށް އެ ގައުމު ދިއުމުން އެމެރިކާއިން ވަނީ ވެރިރަށް ކާބުލްގެ ހާމިދު ކަރުޒާއީ އިންޓަނޭޝަނަލް އެއާޕޯޓު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް ބޭނުންވާ މީހުން އަސްކަރީ މަތިންދާ ބޯޓުތަކުގައި އަފްގާނުން ބޭރު ކުރަން ފަށާފައި އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި އަފްގާނުން ބޭރު ކުރަމުންދަނީ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި 20 އަހަރުވަންދެން އެމެރިކާ އާއި ގުޅިފައިވާ ގައުމުތަކުގެ ފައުޖުތަކުން ހިންގި އަޮޕަރޭޝަނަށް އެހީވި އަފްގާން ރައްޔިތުންނެވެ.
އެމީހުން ބަލާދާ މަތިންދާބޯޓުތަކަށް އަރައިގެން ގައުމު ދޫކޮށްދާން ބޭނުންވާ އެތައް ހާސް ބަޔަކާއި އެކު އެ އެއާޕޯޓު ތޮއްޖެހިފައިވާއިރު ބައެއް މީހުން ވަނީ ރަންވޭއާއި ޕާކިން އޭރިއާތަކުގައި ތޮއްޖެހިފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރަންވޭ މަތީގައި މީހުން ގިނަ ކަމުން މަތިންދާބޯޓުތަކަށް ނުފުރިގެންވެސް މަޑުކުރަން ޖެހިފައިވެ އެވެ.
އޭގެ ތެރެއިން އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއްގެ ފުރޮޅުތަކުގައި އެލިގަނެގެން ތިބި މީހުންގެ ތެރެއިން ހަތް މީހަކު ވަނީ، އެ ބޯޓު ވައިގެ ތެރެއަށް އަރައިގެން ގޮސް، އޭގެ ފުރޮޅު އެތެރެއަށް މަޅައިލުމުގެ ތެރޭގައި ބޯޓުން ވެއްޓި މަރުވެފަ އެވެ. މީގެ އިތުރުން އިއްޔެ ވަނީ އަފްގާން ދޫކޮށްދާން މަސައްކަތް ކުރި މީހުން އެއާޕޯޓު ތެރޭގައި ތޮއްޖެހުމުގެ ސަބަބުން ފިތިގެން ދެމީހުން މަރުވެފަ އެވެ.
އަފްގާނުގައި ތިބި ޖަރުމަންވިލާތުގެ ޑިޕްލޮމޭޓުން އެ ގައުމުން ބޭރުކުރުމަށް، ކާބުލް އަށް ރޭ ދިޔަ ޖަރުމަނުގެ އަސްކަރީ މަތިންދާބޯޓުތައް ވެސް، ރަންވޭ މަތީގައި މީހުން ތިބުމުގެ ސަބަބުން، ކާބުލްގެ ވައިގެ ބަނދަރަށް ނުޖެއްސިގެން އަނބުރައި ދިޔައީ އެވެ. މީހުން ބޭރުކުރުމުގެ މަސައްކަތް މިއަދު އަލުން ފެށީ، ރަންވޭ އާއި ޕާކު ކުރާ ސަރަހައްދަށް ޖަމާވެފައި ތިބި މީހުން އެ ހިސާބުން ދުރަށް ލައި، އެ ސަރަހައްދު ސާފު ކުރުމަށް ފަހު އެވެ.
އެމެރިކާ އަސްކަރިއްޔާއިން ބޭރު ކުރާ މީހުންގެ ތެރޭގައި ހިމެނޭ އަފްގާން ރައްޔިތުންނަކީ ބޭރުގެ ސިފައިންނާއި ގުޅިގެން ތަރުޖަމާނުންގެ ގޮތުގައި މަސައްކަތް ކުރި މީހުންނާއި އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީވެދިން މީހުންނެވެ. އެމީހުންގެ ތެރެއިން އެމެރިކާއަށް ލައްކައެއްހާ މީހުން ގެންދަން ހަމަޖެހިފައިވާއިރު އެމީހުންގެ ދިރިއުޅުން އެގައުމުގައި ފެށުމަށް އެމެރިކާ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ތޯލިބާނުން އަފްގާންގެ ވެރިކަމަށް އެރުމަށް ފަހު އެންމެ ފުރަތަމަ ހަމަލާދޭނީ އަފްގާން ރައްޔިތުންގެ ތެރެއިން އެމީހުންނަށެވެ. އެއީ މިދިޔަ 20 އަހަރު އެ މީހުން އެމެރިކާ އާއި ބޭރުގެ ސިފައިން އަފްގާނިސްތާނުގައި ތިބުމާއި ތޯލިބާނުންގެ ސިއްރު ހާމަ ކުރުމުގައި އެހީތެރިވެދީފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް