ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމަށް އެކުލަވާލާފައިވާ "ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު" ގެ 5 ވަނަ އިޞްލާޙު ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާޢިއުކޮށްފި އެވެ.
މި އިޞްލާޙުގައި ހިމެނިފައިވަނީ ގަވާއިދުގެ ތަންފީޛީ އިދާރާއަށް ގެނެސްފައިވާ އިޞްލާޙާއި، ކުނި ބައި ބަޔަށް ވަކިކުރުމާއި، ބޮޑެތި (ބަލްކީ ކުންންޏާމެދު އަމަލުކުރާނެ ގޮތާއި، ކުނި މެނޭޖުކުރުމުގެ ޕްލޭން އެކުލަވާލުމާއި އަދި ކުނީގެ ރިކޯޑު ބެލެހެއްޓުމެވެ.
މިއިޞްލާހުގެ ދަށުން ހުރިހާ ރަށެއްގައިވެސް، ކުނި އުފައްދާ ފަރާތުން އެ ކުނި މެނޭޖުކުރުމަށް ދާ ޙަރަދަށް ޤާނޫނީގޮތުން ޒިންމާ ވާން ޖެހޭނެ އެވެ. އަދި ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އެހެނިހެން ރަސްމީ ތަންތަނުން ނެރޭ ކުނި ހުންނަން ވާނީ ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކޮށްފަ އެވެ.
މިގޮތުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ޞިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން އަދި އެހެނިހެން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންވާނީ 4 ބަޔަކަށް ވަކިކޮށްފަ އެވެ.
- ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
- ޕްލާސްޓިކް ފުޅި
- މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް
- (1)، (2) އަދި (3) ގައި ބަޔާންކޮށްފައިވާ ކުނި ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ ކުނި
އަދި މާލެ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންވާނީ އަންނަނިވި ބައިތަކަށް ވަކި ކޮށްފަ އެވެ.
- ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
- ޕްލާސްޓިކް ފުޅި
- (1) އާއި (2) ގައި ބަޔާންކޮށްފައިވާ ކުނި ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ ކުނި
މިއިޞްލާޙުގެ ދަށުން މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ކުނި އެއްތަނުން އަނެއްތަނަށް އުފުލުމުގެ ހުއްދަ ދީފައިވާ އެއްގަމު އަދި ކަނޑުގެ އުޅަދުތަކުގައިވެސް ކުނި އުފުލަން ވާނީ ބައިބަޔަށް ވަކިކޮށްގެން އެއްބައި އަނެއްބަޔާ އެއްނުވާނެހެން ވަކިން ނެވެ.
މިއަށް ޢަމަލު ނުކުރާ ފަރާތްތައް ޖޫރިމަނާކުރުމަށް މިގަވާއިދުގައި ވާނީ ހިމަނާފަ އެވެ.
ޔުޓިލިޓީ ރެގިއުލޭޓޮރީ އޮތޯރިޓީ އުފެއްދުމާއި ގުޅިގެން ކުނި މެނޭޖުކުރުމާއިބެހޭ ގަވާއިދު ތަންފީޒު ކުރާނެ ފަރާތްތައްވެސް ވަނީ މިއިޞްލާހުގައި ހިމަނާފަ އެވެ. މިގޮތުން މިގަވާއިދު ތަންފީޒުކުރުމުގައި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި ޔުޓިލިޓީ ރެގިއުލޭޓޮރީ އޮތޯރިޓީގެ ޒިންމާތަށް ވަކިކޮށް ބަޔާންކޮށްފައިވާނެ އެވެ.
ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން އެފަރާތްތަކުން މެނޭޖުކުރާ ކުނި އުފައްދާ ރަށުގެ ނުވަތަ ދާއިރާގެ ނުވަތަ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ ޕްލޭނެއް އެކުލަވާލަންވާނެ އެވެ. މިގޮތުން ރަށުގައި ނުވަތަ ދާއިރާގައި ކުނި މެނޭޖުކުރުމަށް ހަމަޖެހިފައވާ އުސޫލުތަކާއި، އުފެދޭ ކުނީގެ ބާވަތްތަކާއި މިންވަރާއި، ކުނި މަދުކުރުމަށް އަޅާނެ ފިޔަވަޅުތައް އަދި ކުނި މެނޭޖުކުރުމުގެ ޕްލޭންގައި ހިމަނަންޖެހޭ އެހެނިހެން ބައިތަކުގެ ތަފްޞީލު މި އިޞްލާޙުގައި ހިމެނިފައިވާނެ އެވެ.
މިގަވާއިދުގެ 2-6 ވަނަ މާއްދާގެ (ހ) އާއި (ށ) ފިޔަވައި އެހެން މާއްދާތަކަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ނެވެ. އަދި މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ޞިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން ކުނި އުފައްދާ ތަންތަނުގައި ކުނި ވަކި ކުރުމުގެ މާއްދާއަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2022 އިން ފެށިގެން ނެވެ.
މީގެ އިތުރުން މާލެ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ވަކިކުރުމުގެ މާއްދާއަށް ޢަމަލުކުރަން ފަށާނީ 1 ޖޫން 2022 އިން ފެށިގެން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް