ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކުރުމަށް އުރީދޫ އިން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް، އިނާމު ވެސް ރަނގަޅު

"ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ޑެސްޓިނޭޝަން މާކެޓިންގ ކެމްޕެއިނެއް އުރީދޫ އިން ވަނީ ފަށާފަ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއާއި މޯލްޑިވްސް މާކެޓިންގ އެންޑ...

17 Aug 2021 | 09:30

"ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ޑެސްޓިނޭޝަން މާކެޓިންގ ކެމްޕެއިނެއް އުރީދޫ އިން ވަނީ ފަށާފަ އެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އަދި ޓޫރިޒަމް މިނިސްޓްރީ އާއި އޯރކާ މީޑިއާ ގްރޫޕް ގުޅިގެން ފަށާފައިވާ ކެމްޕޭނެކެވެ.

އުރީދޫ އިން ބުނީ މި ކެމްޕެއިން މެދުވެރިކޮށް ދުނިޔޭގެ 10 ޤައުމެއްގެ 117 މީހުންނާއި ހަމައަށް ރާއްޖެ ޕްރޮމޯޓް ވެގެންދާނެ ކަމަށެވެ.

މި ކެމްޕެއިންގެ ބައެއްގެ ގޮތުން އުރީދޫ މޯލްޑިވްސްއާއި އޯރކާ މީޑިއާ ގްރޫޕުން ވަނީ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށާފައިވާ ކަމަށެވެ. އަދި މި ކެމްޕެއިން މެދުވެރިކޮށް ރާއްޖޭގެ ރިވެތި ސަގާފަތާއި ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ޕޮޓޯ އާއި ވީޑިއޯ ހިއްސާކުރާނެ ކަމަށް ވެސް ބުނެ އެވެ.

މި ކެމްޕެއިންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މި ކެންޕެއިންގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެން ވެސް ފޮޓޯއާއި ވީޑިއޯ ހިއްސާކޮށްގެން ބައިވެރިވެވޭނެ އެވެ. ފޮޓޯ އަދި ވީޑިއޯ ހިއްސާކުރަންޖެހޭނީ އެ މަހެއްގައި ކަނޑައަޅާފައިވާ "ތީމް" އަކަށެވެ.

ފޮޓޯއާއި ވީޑިއޯ އަޕްލޯޑް ކުރާއިރު #ވިޒިޓްމޯލްޑިވްސް ޖަހަންޖެހޭނެ އެވެ.

މިކަމާއި ގުޅޭގޮތުން އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ، ކޯވިޑް19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތައް ލިބުނު ގެއްލުމުގެ ސަބަބުން ގިނަ ޢާއިލާތަކަކަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ.

"އެހެންކަމުން އުރީދޫ މޯލްޑިވްސްގެ އަމާޒަކީ އަލުން ފަތުރުވެރިކަން ކުރިއެރުވުން. މި ކެމްޕެއިންގެ ސަބަބުން ރާއްޖެ އިތުރަށް ބޭރުގެ މާކެޓްތަކުގައި އިޝްތިހާރުވެގެންދާނެ." ނިޔާޒު ވިދާޅުވި އެވެ.

މި ކެންޕެއިން މިމަހުގެ 15 ވަނަ ދުވަހު ފަށާފައިވާ އިރު، މި ކެންޕެއިން ކުރިއަށްދާނީ ޑިސެމްބަރ މަހާއި ހަމައަށެވެ.

ކޮންމެ މަހަކުވެސް ވަކި ތީމްއަކާއި ޚާއްސަ އިނާމުތަކެއް ކަނޑައަޅާނެ އެވެ. ކޮންމެ ފޮޓޯއަކާއި ވީޑިއޯއެއްވެސް ގުނާނީ ވަކި ވަކިން ނެވެ. އެހެންކަމުން ގިނަ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ފަރާތަކަށް އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.

އިނާމު ލިބޭ ފަރާތެއް ކަނޑައަޅާނީ ކޮންމެ މަހެއް ނިމުމުން ބާއްވާ ލަކީޑްރޯއަކުން ނެވެ. ފުރަތަމަ މަހުގެ ތީމަކީ "ރާއްޖޭގެ ސަޤާފަތާއި އާދަކާދަ" އެވެ.

އެހެންކަމުން ރާއްޖޭގެ ކެއިންބުއިންތަކާއި، ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި، ސަޤާފަތް ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވޭނެ އެވެ.

ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ވ. ކެޔޮދޫ ޖުޕިޓަރ ސަންރައިޒް ގައި 2 މީހަކަށް 2 ދުވަހުގެ ހުރުމެއް ލިބިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް