ކުރެވޭ ތައުރީފަކުން ދަރިފުޅު ހަލާކުވެސް ވެދާނެ: ދިރާސާ

ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންދެކެ ލޯބިވާނެއެވެ. އެ ދަރިންނަށް އަބަދަުވެސް ރަނގަޅުގޮތްތައް ވުމަށް އެދޭނެއެވެ. ތަޢުލީމާއި ތަރުބިއްޔަތުން މުއްސަނދި ދަރިއަކަށް ވުމަށް އުންމީދުކުރާނެއެވެ. ދަރިފުޅަށް ...

17 Aug 2021 | 08:50

ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންދެކެ ލޯބިވާނެއެވެ. އެ ދަރިންނަށް އަބަދަުވެސް ރަނގަޅުގޮތްތައް ވުމަށް އެދޭނެއެވެ. ތަޢުލީމާއި ތަރުބިއްޔަތުން މުއްސަނދި ދަރިއަކަށް ވުމަށް އުންމީދުކުރާނެއެވެ.

ދަރިފުޅަށް ހަގީގަތް ވިސްނައި ދިނުމުގެ ބަދަލުގައި މާ ބޮޑަށް ތައުރީފު އޮއްސައި އޭނާ ފޯކޮށްލުމަކީ އެދަރިފުޅުގެ އުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއްކަމަށް ދިރާސާތަކުން އެނގެއެވެ.

ކޮންމެއަކަސް އެންމެންނަކީ ވެސް ތައުރީފަށް ހިތްކިޔާ މީހުންނެވެ. އަދި ބައެއް މީހުން ގަބޫލުކުރާ ގޮތުން، ހާއްސަކޮށް މައިންބަފައިން ގަބޫލުކުރާ ގޮތުން މިގޮތަށް ދަރިފުޅަށް ތައުރީފު ކުރުމަކީ، ކުރާ ކަމެއް ކުރިއަށް ވުރެ ރަނގަޅަށް ނުވަތަ މޮޅަށް ކުރުމަށް ދަރިފުޅަށް ދެވޭ ހިތްވަރެކެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ހިތްވަރު ދިނުމާއި ތައުރީފުކުރުމުގެ މާނަ ވަރަށް ވެސް ތަފާތު ކަމަށެވެ. އަދި ކުރެވޭ ތައުރީފަކުން ކުއްޖަކު ހަލާކުވެސް ވެދާނެ ކަމެވެ.

ތަޖުރިބާކާރުން ކޮށްފައިވާ ދިރާސާތަކުގައި ބުނަނީ މައްސަލައަކީ ތައުރީފުކުރުމެއް ނޫން ކަމަށެވެ. މައްސަލަ އަކީ ތައުރީފުކުރާ ރާގު ކަމަށެވެ. މިސާލަކަށް "އެންމެ މޮޅީ ދަރިފުޅޭ" ނުވަތަ "ތިޔަށް ވުރެ މޮޅު ކަމެއް، މޮޅު ކުރެހުމެއް ނެތޭ" ބުނެ ތައުރީފުކުރުން ގޯސް ކަމަށެވެ.

އޭގެ ބަދަލުގައި "ވަރަށް މޮޅޭ" ބުނެ ނިންމާލެވިދާނެ ކަމަށެވެ.

ދިރާސާވެރިން ވިދާޅުވާ ގޮތުގައި އާދަޔާހިލާފަށް ދަރިއަށް ތައުރީފުކުރުމަކީ އޭގެ ނުބައި އަސަރުކޮށްފާނެ ކަމެއް ކަމަށެވެ. އެގޮތުން އާ އުސްމިންތަކަކަށް ވާސިލުވުމަށް ކުރާ މަސައްކަތުގައި ދަރިފުޅަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ހަލާކުވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް މާހިރުން ބުނެ އެވެ.

ހިތްވަރު ބަލި ކުދިންނަށް ހިތްވަރު ދިނުމުގެ ބޭނުމުގައި އާދަޔާހިލާފަށް ތައުރީފުކުރުމަކީ މި މައްސަލަ އެފަދަ ކުދިންނަށް ބޮޑުވާނެ ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން އިންޒާރު ދެ އެވެ.

އެހެންވީމަ ދަރިއަށް ތައުރީފުކުރަން ޖެހޭ ގޮތަކީ ހަލާކުނުވާ ވަރަށް ތައުރީފު ކުރުމެވެ. ދެން ކޮންމެއަކަސް، މަންމަ އަކަށް އޭނާގެ ދަރިފުޅަށް ތައުރީފުނުކޮށެއް ނުވެސް ހުރެވޭނެ އެވެ. އެހެން ނަމަވެސް ތަޖުރިބާކާރުން ބުނަނީ ތައުރީފުކުރުމުގައި ހައްދުފަހަނަޅައި ގޮސްގެން ނުވާނެ ކަމަށެވެ.

އަދި ތައުރީފުކުރުމުގައި ވަކި މިންގަނޑުތަކެއް ވެސް ކަނޑައަޅައިގެން ނުވާނެ ކަމަށެވެ. މިސާލަކަށް އެންމެ މޮޅީ ދަރިފުޅުކަމަށް ނުވަތަ އެންމެ ރީތީ ދަރިފުޅުކުރަހާ ތަސްވީރު ކަމަށް ކަނޑައެޅުމަކީ، ދަރިފުޅުގެ އާންމު ފެންނަށް ވުރެ މައްޗަށް އަރަން އޭނާ އަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

އެންމެ ރަނގަޅު ގޮތަކީ ދަރިފުޅުގެ މިސްޓޭކްސްތައް ރަނގަޅުކޮށް ހިތްވަރު ލިބޭނެ ފަދަ ގޮތަކަށް ތައުރީފު ކުރުމެވެ. އަދި މަސައްކަތަށް ފާޑުކިޔާއިރު ވެސް ކޮންސްޓްރަކްޓިވް ކްރިޓިސިޒަމް ހިޔާރުކުރުމެވެ.

ދަރިންނަށް އާދަޔާހިލާފަށް ތައުރީފުނުކުރުމަށް ތަޖުރިބާކާރުން ބުނާއިރު، ތައުރީފުކުރުން ހުއްޓާނުލުމަށް ވެސް އެފަރާތްތަކުން ނަސޭހަތްތެރިވެއެވެ. އެއީ ދަރިފުޅު ކުރާ މަސައްކަތަކަށް ނުވަތަ ކަމަކަށް އެއްގޮތަކަށް ވެސް ތައުރީފު ނުކުރާ ނަމަ، ތައުރީފުކޮށްގެން ނުކުންނަ ގޯސް ނަތީޖާ އަށް ވުރެ ބޮޑަށް ނޭދެވޭ އަސަރުތަކެއް އޭނާ އަށް ކޮށްފާނެތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް