ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށް ދެކުނު ކޮރެއާއިން ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވާ: ނައިބު ރައީސް

ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށާއި އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ދެކުނު ކޮރެއާއިން ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވާ ކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިސ...

17 Aug 2021 | 08:08

ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށާއި އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ދެކުނު ކޮރެއާއިން ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވާ ކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ޖިއޮންގް ވޫންޖިން، ނައިބު ފައިޞަލް ނަސީމުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަ ދައްކަވަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ދެކުނު ކޮރެޔާއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރެންދާއިރު ދެކުނު ކޮރެއާއަކީ ބައިނަލްއަޤްވާމީ މުޖުތަމައުގައި ރާއްޖޭގެ އެކުވެރި ޤައުމެއްގެ ގޮތުގައި ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަ ކުރައްވާ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ދެކުނު ކޮރެއާއިން ދެއްވި އެއްބާރުލުމަށް ނައިބު ރައީސް ވަނީ އެ ޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށް ދެކުނު ކޮރެއާއިން ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ހަމަމިއާއެކު ފަތުރުވެރިކަމުގެ ދާއިރާއާއި ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައި ވެއެވެ.

ދެ ޤައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ މައްސަލަތައް ކަމުގައިވާ ކްލައިމެޓް އެމެޖެންސީފަދަ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ކޮރެއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ވައި ނުސާފުވުން ފަދަ މައްސަލަތަކަކީ ޖަރީރާވަންތަ ރައްތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖެއާ ދެކުނުކޮރެއާ ފަދަ ޤައުމުތަކުން ސަމާލުކަންދޭ މުހިންމު މައްސަލަތައްކަން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް ވަނީ ދެ ބޭފުޅުން ވެސް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް