އަވައްޓެރި ސްރީލަންކާގެ ހެލްތް މިނިސްޓަރު ޕަވިތްރަ ވައްނިއަރައްޗީ މަގާމުން ވަކިކޮށްފި އެވެ.
އޭނާ މަގާމުން ވަކިކުރީ ކޯވިޑް ކޮންޓްރޯލް ކުރުމުގައި ހެލްތް މިނިސްޓްރީ ފެއިލްވުމުންނެވެ. އެގޮތުން ކޯވިޑްގެ ހާލަތު ގޯސްވެ ލަންކާގައި ކޮންޓްރޯލެއް ނެތި ބަލި ފެތުރެމުންދާއިރު އެކަން ހެލްތް މިނިސްޓްރީން ސިއްރު ކުރާކަމުގެ ތުހުމަތާއި އެކު މިދިޔަ ހަފްތާގައި އޭނާ ވަނީ ހޫނުފެނަށް ވެއްޓިފައި އެވެ.
ހެލްތް މިނިސްޓަރުކަމުން ވަކި ކުރުމަށް ފަހު ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސާ އޭނާ އައްޔަން ކޮށްފައިވަނީ ޓްރާންސްޕޯޓު މިނިސްޓަރު ކަމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޕަވިތްރަގެ ބަދަލުގައި ހެލްތް މިނިސްޓަރަކަށް އައްޔަން ކުރީ މީޑިއާ މިނިސްޓަރު ކެހެލިޔާ ރަމްބުކްލެވާ އެވެ.
ޕަވިތްރައަކީ ބޭސްވެރިކަމުގެ ބޭރުން ކޯވިޑްބަލި ރަނގަޅު ކުރެވޭކަމަށް ގަބޫލު ކުރައްވާ އެކަމަށް ތާއީދުކޮށް ވާހަކަދެއްކުމުގެ އިތުރުން އަމަލީގޮތުން އެކަން ސާބިތުކޮށްދޭން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އެގޮތުން އޭނާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ބުދު ދީނުގެ ސިހުރު ހަދާ ފާދިރީއަކު އުފެއްދި ދިޔާ އެއްޗެއް ފާޅުގައި ހިއްޕަވާފަ އެވެ. އަދި އެ އުފެއްދުން ގަބޫލުކުރާ ކަމަށް ޕަވިތްރަ ވިދާޅުވެފައިވެ އެވެ.
އަދި "ކަލާނގެވަންތަ" ކަމަށް ހެދިގެން އުޅޭ މީހަކު މަތަރާފައި ދިން "ބަރަކާތްތެރި ފެނެއް" އޭނާވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ކޯރަކަށް އަޅާފައެވެ. އެހުރިހާ ކަމެއް ކޮށްފައި ވަނިކޮށް މިދިޔަ ޖެނުއަރީ މަހު ޕަވިތްރައަށް ކޯވިޑް ޖެހި ހާލުކޮޅު ވަރަށް ސީރިއަސްވެގެން އައިސީޔޫގައި ފަރުވާ ދީފައިވެ އެވެ.
ލަންކާގެ ކޯވިޑް ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ 150 ން މައްޗަށް އަރާފަ އެވެ. އަދި 3،000 އަށްވުރެ ގިނަ މީހުން ދުވާލަކު ކޯވިޑަށް ޕޮސިޓިވްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް