ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވަނީ ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ލިބިފައިވާތީ ކަމަށް މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
"ހައެއް ފަހެއް" ގައި ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގައި ޒަހަމްވެވަޑައިގެން، އެމަނިކުފާނުގެ ހާލުފުޅު ދެރަވެ، އޭޑީކޭ ހޮސްޕިޓަލްގައި ހަފްތާއެއްހާ ދުވަސް ވަންދެން ފަރުވާ ހޯއްދަވައި އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގެންފައި ވެއެވެ. އަދި އެތަނުގައި ފަރުވާ ހޯއްދެވުމަށް ފަހު މިހާރު އެމަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގައެވެ.
ރައްޔިތުންގެ މަޖިލިހުގައި މި އަހަރުގެ ފަހު ދައުރުގެ ދެ ވަނަ ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުން މެމްބަރު ހަލީމް ވިދާޅުވީ ނަޝީދު ރާއްޖެ ވަޑައިނުގަންނަވާ ހަގީގީ ސަބަބަކީ އެމަނިކުފާނަށް ލިބެން ޖެހޭ ނަފްސާނީ އެހީތެރިކަން ނުލިބުން ނޫންތޯ ސުވާލު އުފައްދަވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ދެއްކެވި ވަހަކަތަކަށް ރައްދުދެއްވަމުންނެވެ.
ހަލީމް ވިދާޅުވީ ނަޝީދު ރާއްޖެ ވަޑައިނުގަންނަވާ ސަބަބަކީ އެމަނިކުފާނަށް ހަމަލާ ދިން މީހުން މަގުމަތީގައި ދޫވެފައި ތިބުމާއި، އެމަނިކުފާނަށް ޖާނުން ފިދާވުމުގެ ހަމަލާއެއް ފާނެ ކަމުގެ މައުލޫމާތު ކެނޑިނޭޅި ލިބެމުންދާތީ ކަމަށެވެ. ނަޝީދު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް ލިބެން ޖެހޭ ރައްކާތެރިކަން ލިބެން ނެތް ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.
ބޮމުގެ ހަމަލާ ރޭވި މީހުން ނުހޯދޭތީ ރާއްޖެ ވަޑައިނުގަންނަވަން އާއިލާއިން ވެސް އެދެމުންދާތީ އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދޭން މަޖިލީހުގެ އިދާރާގައި އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވާފައެވެ. އެ ހަމަލާގެ ތަހުގީގު ނިމި އެ ކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނެސް ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން ގާތް ބޭފުޅުން ބޭނުން ނުވާ ކަމަށް ސަބަބެއްގެ ގޮތުން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭން ބޭރުގައި ހުންނެވި ނަމަވެސް މަޖިލީހުގެ މަސައްކަތްތަކުގައްޔާއި ގައުމަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް