ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުރަތަމަ ފަހަރަށް އާންމުން އާބާދުވާން ފަށާފައިވާއިރު، އެންމެ ގިނަ ބަޔަކު އެއް ފަހަރާ ދިރިއުޅެން ފަށާ ހިޔާ ފްލެޓްތަކަށް ދާއިމީ ކަރަންޓު ދޭން މިއަދު ވަނީ ފަށާފައެވެ.
ސްޓޭޓް އިލްކްޓްިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާމަކުރާ ގޮތުގައި، ކަރަންޓު ދޭން ހަމަޖެހިފައި ވަނީ ދުވާލަކު ދެ ޓަވަރަށެވެ. މި ގޮތުން މިއަދު 15 އަދި 16 ވަނަ ޓަވަރަށް ކަރަންޓު ދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
"މި މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9 އަކުން ހަވީރު 5 އަކަށް ކުރިޔަށްދާނެ. މިދެންނެވި ދެ ޓަވަރުން ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ސްޓެލްކޯއިން އެސް.އެމް.އެސް އެއް ފޮނުވާނެ. އެސް.އެމް.އެސް ލިބިވަޑައިގަތުމުން ކަރަންޓު ލުމަށްޓަކައި ސްޓެލްކޯއާއެކު ސޮއެކޮށްފައިވާ ފަރާތްތަކުން ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު، އެޓަވަރަކަށް ވަޑައިގަތުމުން އެ ފްލެޓަކަށް ކަރަންޓު ދެވިގެންދާނެ." މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ސްޓެލްކޯގެ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުންނެވެ.
އެހެން ކަމުން ކޮންމެ ދުވަހަކުވެސް ކަރަންޓު ދެވޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަށް އެ ދުވަހަކު ހާޒިރުވުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. އަދި ކޮންމެ ދުވަހަކުވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު ސްޓެލްކޯގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާކުރަމުން ގެންދާނެ ކަމަށް ބުނެއެވެ.
މީގެ އިތުރުން، ހުޅުމާލޭގެ ބެލެނިވެރި ކުންފުނި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއަދު އެޗް15 އަދި އެޗް16 ވަނަ ޓަވަރަށް ދާއިމީ ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށެވެ. ބާކީ ހުރި ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މައްސަލައެއް ދިމާ ނުވާ ނަމަ ހުރިހާ ޓަވަރަކަށް މާދަމާގެ ނިޔަލަށް ކަރަންޓު ދީ ނިމޭނެ ކަމަށެވެ.
އެޗްޑީސީން ބުނީ ދާއިމީ ކަރަންޓު ފޯރުކޮށްދިނުމާއި އެކު ފްލެޓު ލިބުނު ފަރާތްތަކުން ބަދަލުވުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އެގޮތުން އެޕާޓްމެންޓުތަކަށް ތަކެތި އުފުލޭނެ ކަމަށާއި ޓަވަރުތަކުގައި އެކަމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން 16 އެޕާޓްމެންޓުގެ ޓަވަރެއްގައިވާ ތިން ލިފްޓުން ދެ ލިފްޓު އަދި 20 އެޕާޓްމެންޓުގެ ޓަވަރެއްގައިވާ ހަތަރު ލިފްޓުން ތިން ލިފްޓު، ސާމާނު އުފުލަން ބޭނުން ކުރެވޭނެ އެވެ. ފްލެޓުތަކަށް ސާމާނު އުފުލާ ފަރާތްތަކުން މި އިންތިޒާމާއި އެއްގޮތަށް ކުރިޔަށް ދިއުމަށް އެޗްޑީސީން އިލްތިމާސް ކުރެ އެވެ.
އެ ކުންފުނިން ބުނީ އިތުރަށް ފަސޭހަކޮށްދީ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ކުންފުނީގެ މުވައްޒަފުން ޓަވަރުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ބަލައި، އިރުޝާދު ދޭން ހަރަކާތްތެރިވާނެ ކަމަށެވެ.
ހިޔާ ފްލެޓުތައް ލިބުނު މީހުންނާއި އެކު އެގްރިމެންޓުގައި ސޮއިކޮށް ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިމޭނެ އެވެ. މި ޓަވަރުތަކުން 6،720 ފްލެޓު ދޫކޮށްފައިވެ އެވެ.
ފްކެޓުތަކަށް ކުލި ދައްކަން ފަށަން ޖެހެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 8،500 ރުފިޔާ އެވެ. އެއީ މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ހިމަނައިގެންނެވެ.
އެޗްޑީސީން ބުނީ އެހެން ކަންކަމަށް ލުއި ދިން ނަމަވެސް ފްލެޓުގެ ކުލި ކުޑަކޮށްދެވެން ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް