އިތުރު ތިން ރަށެއް މޮނިތަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އަލަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހއ. އިހަވަންދޫ، ހދ. ނެއްލައިދޫ އަދި ގދ. ތިނަދޫ ކަމަށެވެ. އޭގެ ތެރެއިން އިހަވަންދޫ އާއި ނެއްލައިދޫ މޮނިޓަރިންއަށް ލާފައިވަނީ އިއްޔެ އެވެ. ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިއަދު އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، އެ ރަށްތަކުގެ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށްތައް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި ތިނަދޫ، ނެއްލައިދޫ އަދި އިހަވަންދޫއަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭއިން ބުނީ ޕޮސިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށެވެ.
ނެއްލައިދޫ އާއި އިހަވަންދޫގެ އިތުރުން އިއްޔެ ހަތަރު ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނަ އެވެ. އެއީ ބ. އޭދަފުށި، ކަމަދޫ، ހދ. މަކުނުދޫ އަދި އދ. ހަންޏާމީދޫ އެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.
މިހާރު ކޯވިޑް ފެތުރޭތީ ބަލި ކޮންޓްރޯލް ކުރުމަށް މޮނިޓަރިންގެ ހާލަތުގައި 15 ރަށެއް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް