ހިޔާ ފްލެޓުތަކަށް ކަރަންޓު ދޭން ފަށައިފި، މިހާރު ފްލެޓަށް ބަދަލުވުމުގެ އަމަލީ މަސައްކަތް ކުރެވޭނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކަށް މިއަދު ދާއިމީ ކަރަންޓު ދޭން ފަށައިފި އެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއަދު އެޗް15 އަދި އެޗް16 ވަނަ ޓަވ...

17 Aug 2021 | 04:07

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކަށް މިއަދު ދާއިމީ ކަރަންޓު ދޭން ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއަދު އެޗް15 އަދި އެޗް16 ވަނަ ޓަވަރަށް ދާއިމީ ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށެވެ. ބާކީ ހުރި ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މައްސަލައެއް ދިމާ ނުވާ ނަމަ ހުރިހާ ޓަވަރަކަށް މާދަމާގެ ނިޔަލަށް ކަރަންޓު ދީ ނިމޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ ދާއިމީ ކަރަންޓު ފޯރުކޮށްދިނުމާއި އެކު ފްލެޓު ލިބުނު ފަރާތްތަކުން ބަދަލުވުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އެގޮތުން އެޕާޓްމެންޓުތަކަށް ތަކެތި އުފުލޭނެ ކަމަށާއި ޓަވަރުތަކުގައި އެކަމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން 16 އެޕާޓްމެންޓުގެ ޓަވަރެއްގައިވާ ތިން ލިފްޓުން ދެ ލިފްޓު އަދި 20 އެޕާޓްމެންޓުގެ ޓަވަރެއްގައިވާ ހަތަރު ލިފްޓުން ތިން ލިފްޓު، ސާމާނު އުފުލަން ބޭނުން ކުރެވޭނެ އެވެ. ފްލެޓުތަކަށް ސާމާނު އުފުލާ ފަރާތްތަކުން މި އިންތިޒާމާއި އެއްގޮތަށް ކުރިޔަށް ދިއުމަށް އެޗްޑީސީން އިލްތިމާސް ކުރެ އެވެ.

އެ ކުންފުނިން ބުނީ އިތުރަށް ފަސޭހަކޮށްދީ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ކުންފުނީގެ މުވައްޒަފުން ޓަވަރުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ބަލައި، އިރުޝާދު ދޭން ހަރަކާތްތެރިވާނެ ކަމަށެވެ.

ހިޔާ ފްލެޓުތައް ލިބުނު މީހުންނާއި އެކު އެގްރިމެންޓުގައި ސޮއިކޮށް ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިމޭނެ އެވެ. މި ޓަވަރުތަކުން 6،720 ފްލެޓު ދޫކޮށްފައިވެ އެވެ.

ފްކެޓުތަކަށް ކުލި ދައްކަން ފަށަން ޖެހެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 8،500 ރުފިޔާ އެވެ. އެއީ މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ހިމަނައިގެންނެވެ.

އެޗްޑީސީން ބުނީ އެހެން ކަންކަމަށް ލުއި ދިން ނަމަވެސް ފްލެޓުގެ ކުލި ކުޑަކޮށްދެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް