ހަސަދަވެރިކަމަކީ އެއް އިންސާނަކު އަނެއް އިންސާނަކާއިމެދު އުފެދޭ ޖަޒުބާތުތަކާއި އިޙްޞާސްތަކުގެ ތެރެއިން އިންސާނާއަށް އެންމެ ގެއްލުންކުރަނިވި ޖަޒުބާތެވެ.
މި ޖަޒުބާތުގެ ސަބަބުން އަނެކާގެ މައްޗަށް މުސީބާތްކުރިމަތިވުމަށް އެދުންވެރިވެ އަނެކާއަށް ކުރިމަތިވާ މުސީބާތްތަކުގެ ސަބަބުން ތިމާގެ ހިތައް އުފާވެރިކަމުގެ އިޙްސާސްވެރިކުރުވައެވެ.
ހަސަދަވެރިކަމުގެ ނުބައިކަމުން ރައްކާތެރިވުމަށް މިއުންމަތައް އިރުޝާދު ދެއްވަމުން މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަސަދަވެރިކަން ސިފަކުރައްވާފައިވަނީ އެއަލިފާނަކަށްލެވޭ ދަރުތަށް އެކީ އަނދާ ހުސްކޮށްލާ މިސާލުގައެވެ. އެކަލޭގެފާނުގެ ހަދީޘްފުޅުގެ މާނައިގައިވެއެވެ. "ހަސަދަވެރިކަމުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން އެއީ އަލިފާނުން ދަރު އަންދާފަދައިން ހެޔޮކަންތައްތައް އަންދާލާކަމެކެވެ." މި ހަދީޘް ރިވާކުރެއްވީ އަބޫ ދާވޫދް އެވެ.
ހަސަދަވެރިކަމަކީ ހިތުގެ ބައްޔެކެވެ. އޭގެ ސަބަބުން ތިމާގެ ހިތުގެ ސާފުކަން ކިލަނބުކޮށްލައެވެ. އިބްނު މަޖާހް ވިދާޅުވެފައިވާ ކަމަށް ވެއެވެ.
މި އުންމަތުގައިވާ އެންމެ ހެޔޮބަޔަކީ ކޮބައިތޯ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާއި ސުވާލު ދެންނެވުނު ހިނދު ހަދީޘްފުޅު ކުރެއްވި އެވެ. "އެއީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހިތްސާފު އަދި ތެދުވެރި ދުލެއްގެ ވެރިންނެވެ." އެބައިމީހުން ސުވާލުކުރިއެވެ. ދުލުގެ ތެދުވެރިކަމަކީ ކޮބައިކަން ތިމަންމެން ދަންނަމުއެވެ. އެކަމަކު ސާފުހިތަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ހަދީސްފުޅުކުރެއްވެވިއެވެ. "އެއީ އީމާންތެރި ޞާލިޙް ކުއްތަކުން ސަލާމަތްވެފައިވާ އަދި ހަސަދަވެރިކަމާއި ދެކޮޅުވެރިކަމުން މިނިވަންވެފައިވާ ހިތެއްގެ ވެރިންނެވެ.
ހަސަދަވެރިންގެ ނުބައިކަމުން ރައްކާތެރިވާނީ ކިހިނެއް؟
ހަސަދަވެރިކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން އެކަމުން ސަލާމަތްވުމަށްއެދި ދެންނެވުމަށްޓަކައި ކީރިތި ޤުރުއާނުގައި އާޔަތްތަކެއް ބާއްވާލައްވާފައިވެއެވެ.
قُلْ أَعُوذُ بِرَبِّ الْفَلَقِ (1) مِنْ شَرِّ مَا خَلَقَ (2) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (5)
ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ ހަޟްރަތުން ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ. (1) އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. (2) އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންނެވެ. (3) އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ ސިހުރުވެރިން) ގެ ނުބައިކަމުންވެސް މެއެވެ. (4) އަދި ހަސަދަވެރިޔަކު ހަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ. (5)
ރަސޫލުﷲ صلى الله عليه وسلم ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެބައިމީހުންނަކީ މާތްﷲ ދެއްވި ނިޢުމަތްތަކާމެދު ދެކޮޅުވެރިވެފައިވާބައެކެވެ." އެބޭކަލުން ދެންނެވިއެވެ. "އެއީ ކޮންބައެއްތޯއެވެ؟" އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެއީ ﷲ ގެ ރަޙްމަތުން އަނެކާއަށް ލިބިގެންވި ނިޢުމަތްތަކާއިމެދު ހަސަދަވެރިވާމީހުންނެވެ." (އައްތަބަރާނީ)
މާތް ﷲ އެކަލާނގެ އިލްމުފުޅުގެ މަތިވެރިކަމަށް އެއްބަޔަކަށް އަނެއްބަޔަކަށްވުރެ މުދާވެރިކަމާއި، ޢިލްމާއި، ރީތިކަމާއި، ޖާހާއި، ދަރިން އިތުރުކޮށްދެއްވެވިއެވެ. އެހެންނަމަވެސް ޞާލިޙް އަޅުތަކުން ވާންޖެހެނީ އެބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާޙް އެބައިމީހުންނަށް މިންވަރުކުރެއްވި މިންވަރަށް ފުދިގެންވާ ބައެއް ކަމުގައެވެ.
އިންސާނާ އޭނާގެ ސިކުނޑިއަށް ހަސަދަވެރިކަމުގެ ޝުޢޫރެއް ވެރިވާހިނދު ލަޢުނަތްލެއްވި ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުންއެތި އެދި މާތްﷲ ގެ ހަޟްރަތުން އެދެންޖެހޭނެއެވެ. އިންސާނާގެ ބުއްދިއަށް ވެރިވާ ކަންކަމުން އޭނާއަށް ޖަޒާދެއްވުމެއް ނުވެއެވެ. އޭނާއަށް ޖަޒާދެއްވާހުށީ އޭނާ ބުނާ ބުނުމަށާއި ކުރާ ޢަމަލުތަކަށެވެ.
ހަސަދަވެރިވާ މީހުންނާއި މެދު ޢަމަލުކުރާނީ ކިހިނެއްތޯ؟
ހަސަދަވެރިން ހަސަދަވެރި ވަނީ ތިބާގެ ކިބައިގައި ހުރި އެއްޗެއް އެމީހުންގެ ކިބައިގައި ނެތުމުންނެވެ. އެހެނަސް، ބަދު ދުޢާ ކުރުމުގެ ބަދަލުގައި އެ މީހުންނަށް ހެޔޮ ވިސްނުން ދެއްވާތޯ އާއި ތިބާއަށް ދެއްވި ނިޢުމަތް އެ މީހުންނަށް ވެސް ދެއްވާތޯ ﷲ އަށް ދުޢާ ދަންނަވާށެވެ. އަލިފާން ނިއްވޭނީ ފެނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް