ބެންކޮކްގައި ތިބި ދިވެހިންގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން: ފޮރިން މިނިސްޓްރީ

ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ މެދުތެރޭ ހިސާބުގަނޑެއްގއި ހުރި ހިންދޫ އަޅޫކަންކުރާ ތަނެއްގެ ކައިރީގައި ދިން ވަރުގަދަ ބޮމުގެ ހަމަލާއެއްގައި 12 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާއިރު ބެންކޮކްގަ...

17 Aug 2015 | 15:00

ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ މެދުތެރޭ ހިސާބުގަނޑެއްގއި ހުރި ހިންދޫ އަޅޫކަންކުރާ ތަނެއްގެ ކައިރީގައި ދިން ވަރުގަދަ ބޮމުގެ ހަމަލާއެއްގައި 12 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާއިރު ބެންކޮކްގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން ބުނެފި އެވެ.

އެ ވުޒާރާއިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ހަމަލާގައި ރާއްޖޭގެ އެއްވެސް މީހަކު ޒަހަމްވެފައިވޭތޯ ބަލަމުން އަންނަ ކަމަށާއި އެ ވުޒާރާގެ ހޮޓްލައިނަކީ 7983400 ކަމަށެވެ. އަދި ބެންކޮކްގައި ތިބި ދިވެހިން ގުޅުމަށް ބެކްކޮކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ އޮނަރަރީ ކޮންސުލްގެ ނަމްބަރުވެސް ހާރިޖީ ވުޒާރާއިން ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. މިނިސްޓްރީން ބުނެފައިވަނީ އޮނަރަރީ ކޮންސުލް ނޮރޮންގޯޕޯން އަށް ގުޅޭނެ ނަމްބަރަކީ 0066818991566 ކަމަށެވެ.

ބައިނަލް އަގްވާމީ މީޑިއާތަކުން ބުނާގޮތުން އެ ހާދިސާގައި މަދުވެގެން 12 މީހުން މަރުވެ 20 އަށްވުރެ ގިނަ މީހުންނަށް ސިރިއަސް ޒަހަމްތަކެއް ލިބިފައި ވެ އެވެ. އަދި ބޮން ގޮއްވާލި ސަރަހައްދުގެ މަގުތަކުގައި އިންސާނުންގެ ހަށިގަނޑުގެ ބައިބައި ބުރައިގެން ގޮސްފައިވާކަމަށްވެސް މަންޒަރު ދުއް މީހުންނާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާއިން ރިޕޯޓްކޮށްފައި ވެ އެވެ.

ބާރުގަދަ ބޮމުގެ ހަމަލާ ދީފައިވަނީ، ސައިކަލްގައި ބޮން ހަރުކޮށްގެން ކަމަށް ލަފާކުރެވޭ ކަމަށް އެގައުމުގެ ފުލުހުންނާ ހަވާލާދީ ބީބީސީން ބުނެފައި ވެއެވެ. އެ ހަމަލާދީފައި ވަނީ، ބެންކޮކް ގަޑިން ހަވީރު 7:10 ކަންހާއިރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް