އީވް ކްލިނިކުން ކުޑަކުދިންގެ ޑޮކްޓަރަކު ކުޑަކުއްޖެއް ބެލުމަށް އިންކާރު ކޮށް ހަމަނުޖެހުން ހިންގި ކަމަށް ބުނާ މައްސަލައެއް!

ރޭގެ 6:30 ކަން ހާއިރު ކުޑަ ކުއްޖެއް ޑރ އަށް ދައްކަން ދިޔުމުން ޑރ އެކުއްޖާ ބެލުމަށް އިންކާރުކޮށް ހަމަނުޖެހުން ހިންގި ކަމަށް  ބުނާ މައްސަލައެއް ހޫނު ވެއްޖެއެވެ. މިކަމާއި ގުޅިގެން އެކުއްޖާގެ މަންމަ ވަނީ ...

17 Jul 2024 | 12:36

ރޭގެ 6:30 ކަން ހާއިރު ކުޑަ ކުއްޖެއް ޑރ އަށް ދައްކަން ދިޔުމުން ޑރ އެކުއްޖާ ބެލުމަށް އިންކާރުކޮށް ހަމަނުޖެހުން ހިންގި ކަމަށް  ބުނާ މައްސަލައެއް ހޫނު ވެއްޖެއެވެ.

މިކަމާއި ގުޅިގެން އެކުއްޖާގެ މަންމަ ވަނީ ސޯސަލް މީޑިޔާގައި އެކަމާއި މެދު ނުރުހުން ފާޅުކޮށް، އެ ޑރ އާއި މެދު އެއްވެސް ފަރާތަކުން ފިޔަވަޅު ނާޅާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދުވަހަށް މައުލޫމާތު ދެމުން އެކުއްޖާގެ މަންމަ ބުނީ، ޑރ ފުރަތަމަ ކުއްޖާ ބެލުމަށް ފުރަތަމަ އިންކާރު ކުރީ ކުއްޖާގެ ނަން މެމޯގައި ނުބައިކޮށް އިނުމުން ކަމަށެވެ. އެހެން ކަމުން ކައުންޓަރަށް ގޮސް މެމޯ ރަގަނޅުކޮށް އަދި ކައުންޓަރުން އިރުޝާދު ދިން ގޮތަށް އެވަގުތު ޑރ ކޮޓަރީގައި ހުރި ޕޭޝަންޓު ނިކުތުމުން އެ ކޮޓަރިއަށް ވަނުމުން، ޑރ އެކުއްޖާ ނުބެލޭނެ ކަމަށް ބުނެ އެތަނުން ނިކުތުމަށް އެންގިކަމަށް އެ ކުއްޖާގެ މަންމަ ބުންޏެވެ. އަދި ހުރިހާ ނަމްބަރެއް ނިމެންދެން ބޭރުގައި މަޑުކުރުމަށް ބުނި ކަމަށް ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އޭނާ ކަންތައް ކުރީ ކައުންޓަރުން އިރުޝާދު ދެއްވިގޮތަށް ކަމަށާއި ރިޕޯޓު ބަލައި ދިނުމަށް އެދިފައިވާއިރު އެކަމާ ޑރ ރުޅި އައިސް ގޮޑިން ތެދުވެ އެތަނުން ނިކުތުމަށް ބުނެ ކުއްޖާއާއި ކުއްޖާގެ މަންމަ ބޭރަށް ނެރެ، ވަރަށް ބާރަށް ދޮރު ޖެހީ ކަމަށާއި އެކަމުގެ ސަބަބުން ކުއްޖާވެސް ހުރީ ބިރުގަނެފައި ކަމަށް ކުއްޖާގެ މަންމަ ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އީވްއިން އެވަގުތު އެދެވިގެންވާ އެއްބާރުލުމެއް ނުލިބުނު ކަމަށާއި އަދި ފުލުހުންގެ ފަރާތުންވެސް އެއްބާރުލުމެއް ނުލިބޭކަން ފާހަގަކޮށް އޭނާ ބުނީ ހެލްތަށް އެންގުމަށް ފުލުހުން އިރުޝާދު ދިން ކަމަށެވެ. އެހެންނަމަވެސް މިފަދަ ކަމެއްހައި ހެލްތަށް އަންގާނެ ވަކި ގޮތެއް ނުއެނގޭތީ އެކަންވެސް ނުވާކަމަށެވެ.

މި މައްސަލަ ސޯސަލް މީޑިޔާގައި ހޫނުވީ ފަހުން އީވް ކްލިނިކްގެ ފަރާތުން މާފަށް އެދުނު ކަމަށް ކުއްޖާގެ މަންމަ ބުނެފައިވެއެވެ.

މި ކަމާއި ގުޅޭގޮތުން އެ ކްލިނިކްގެ ބަހެއް ހޯދާލަން ދުވަހުން މަސައްކަތްކުރި ނަމަވެސް ކްލިނިކްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް