ފުލުހުން ބަލަމުން ދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރުގެ ދަށުން މުޙައްމަދު ޖަމީލް/މ. ދޯޅަބުގެ(38އ) ހައްޔަރު ކުރަން އުޅުމުގެ ތެރެއިން އަނިޔާވެ އޭނާގެ ހާލު ސީރިޔަސްވެ މިހާރު ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައެވެ.
އޭނާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތާއި މެދު އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، 2024 ޖުލައި16 ވަނަ ދުވަހުގެ01:00 އަށް ޑްރަގް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ފުލުހުން ދިއުމުން އޭނާއަށް އަނިޔާވެފައިވަނީ ފިލަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ފުލުހުން ބުނީ އޭނާއަށް އަނިޔާވެފައިވަނީ، މި މަހު15 ވަނަ ދުވަހު14:15 ހާއިރު ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިޔުމުން، ތައްޔާރުވެގެން އައުމަށް ވަގުތުކޮޅެއް ދޭން ބުނުމަށްފަހު، އެގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ނުކުމެ ފިލަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުމުން ކަމަށެވެ. އަދި ފުލުހުން ބުނީ މި ހާދިސާގައި އޭނާގެ ބޯ ފަޅައިގެންގޮސް އިތުރު އަނިޔާތަކެއް ވެސް ވަނީ ވެފައި ކަމަށެވެ.
އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މާލޭ ކަސްޓޯޑިއަލްއަށް ގެންގޮސް ކަސްޓޯޑިއަލް މެޑިކަލް އޮފިސަރު ބެލުމަށްފަހު އެ ދުވަހުގެ15:05 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި މެދު އާއިލާއިން ކަންބޮޑުވުން ތަކެއް ހުރުމުން، ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާގޮތް ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ އެދިފައި ކަމަށް ފުލުހުންގެ އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް