ކުށްވެރިން ކުށްތަކަށް އަރައިގަންނަނީ ގާޒީންނާއި ފުލުހުންގެ ފަރާތުން އެކަމަށަް ބޭނުންވާ މައުލޫމާތު އެއްކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މި ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، މި ގާނޫނަށް ކުރިން އެއްވެސް ސަރުކާރަކުން އިސްލާހު ގެނެސްފައިނުވަނީ ކަމުން ރެކިގަންނަން ކަމަށެވެ. ސަލީމް އިތުރަށް ވިދާޅުވީ ކުށް ކުރާ މީހުންނަށް އެ ކުށުގެ އަދަބު ލިބޭތަނެއް ފެނިފައި ނުވާކަމަށެވެ. އަދި މިހެން މިކަން މިވަނީ ކުށްކުރާ މީހުންނަށް އަދަބު ނުލިބޭނެކަން ޔަގީން ވާތީ ކަމަށެވެ.
" އެމީހުން މިއަދު މިޒަމާނުގައި ވަސީލަތްތައް ބޭނުންކޮށްގެން އެ ނުބެދޭނެ ކަހަލަ ސިސްޓަމަކަށް ރާވައިގެން ރޭވުން ތެރިކަމާއިއެކީގަ އެކަން ކުރަނީ، އަޅުގަނޑު ދަންނަވާނީ ހަމަ ޤާޒީންނާއި ބައެއް ފުލުހުންނާވެސް ގުޅިގެން މައުލޫމާތު ހޯދައިގެންނޭ މިކަންކަން ކުރިއަށް މިގެންދަނީ" ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ސަލީމް ވިދާޅުވީ، ކަފާލާތުގެ ބިލަކީ މުހިންމު ބިލެއް ކަމަށާއި ކަފާލާތަކީ ދޭން ޖެހޭ އެއްޗެއް ކަމަށެވެ. އަދި ކޯޓުތަކުން މައްސަލަ ނިމޭގޮތުން އެތައް އަހަރެއް ޖަލުގައި ހުރި މީހަކަށް ލިބޭ ބަދަލެއް ނެތްކަންވެސް ސަލީމް ވަނީ ފާހަގަ ކުރައްވާފައެވެ.
މައްސަލަަތައް ނިންމާ ގޮތުން މިހާރު އެއްވެސް ގޮތަކަށް ކުށްވެރި ކުށެއް ކުރަން ޖެހިލުން ނުވާކަމަށެވެ. އެއްވެސް ގޮތަކަށް ކުށްވެެރިންނަށް ކުށްވެރި ނުވާނެކަމުގެ ޔަގީންކަން ވެސް އޮންނަ ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.
މީހެއްގެ ހުރިހާ މައްސަލަތައް ނިމެންދެން އެމީހަކު ޖަލުގައި ބަހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ބޭނުންފުޅު ނުވާކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް