ހުޅުމާލޭގައި ގޭންގަކުން ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް، މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރޭ !

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގި މާރާމާރީއެއްގައި ގޭންގަކުން ޒުވާނެއް ގައިގައި ތަޅައިގަނެ އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފިއެވެ. މި މަހު އަށް ވަނަ ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިނގި މާރާ...

17 Jul 2024 | 12:00

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގި މާރާމާރީއެއްގައި ގޭންގަކުން ޒުވާނެއް ގައިގައި ތަޅައިގަނެ އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފިއެވެ.

މި މަހު އަށް ވަނަ ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިނގި މާރާމާރީއެއްގައި އަނިޔާވެފައިވަނީ މ.ރަންމަންދޫ އަހުމަދު ނަޒީފުއަށެވެ. އޭނާއަށް ވަނީ އެ މާރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އޭނާގެ އާއިލާއިން ބުނާގޮތުގައި އެ ގްރޫޕުން ދިން ހަމަލާގައި ނަޒީފުގެ ބޮލުގެ ފުށްކިބައިގެ ބޮޑުތަނެއް ފަޅާލާފައި ވާއިރު، ނިތްކުރިމަތިންވެސް ވަނީ ފަޅާލާފައެވެ. ނަޒީހުގެ ލޯ ކައިރިވެސް ވަނީ ފަޅާލާފައެވެ. އަދި ސިކުނޑިއަށްވެސް ވަނީ ލޭ އެޅިފައެވެ.

މިކަމާއި ގުޅިގެން ނަޒީފުގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. "ވަގުތު" ނޫހަށް މައުލޫމާތު ދެމުން އާއިލާއިން ބުނީ ނަޒީފްއަށް ރަގަނޅަށް ވާހަކަ ވެސް ނުދެއްކޭކަމަށެވެ. އެހެން ކަމުން ކަން ހިނގާދިޔަ ގޮތް އެއްކޮށް ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް ނަޒީފް ވަނީ އާއިލާއަށް ކޮންމެވެސް ވަރަކަށް ކަން ހިނގި ގޮތް ކިޔައިދީފައެވެ. އެގޮތުން ނަޒީފް ސައިކަލުގައި ގޮސް ރެޑްވޭވެ ފިހާރަ ކައިރީ އޮންނަ ޕާކެއްގެ ކައިރީގައި މަޑުކޮށްލިތަނާ އެ ގުރޫޕުން ނަޒީފުއާ ދިމާލަށް އެގުރޫޕުން ކޮންމެވެސް އެއްޗެއް ބުނުމުން އެވާހަކަ ނަޒީފު ފުލުހަށް އަންގާނެ ކަމަށް ބުނުމުން އެ ގުރޫޕުން ނަޒީފަށް ހަމަލާ ދިނީކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އަދި ނަޒީފްގެ އާއިލާއިން ވަނީ ފުލުހުންގެ ފަރާތުން މި މައްސަލައިގައި މާބޮޑު އެއްބާރުލުމެއް ނުލިބޭކަން ފާހަގަކޮށްފައެވެ. އަދި ނަޒީފުއަށް ހަމަލާދިން ގުރޫޕުން އަދިވެސް އޭނާއަށް ހަމަލާދީފާނެ ކަމުގެ ބިރު އޮތް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ނަޒީފުގެ ހާލު އަންނަނީ ރަގަނޅު ވަމުން ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން "ދުވަސް" ނޫހަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް