މާފުށީ ޖަލުގައި ލިޔެލާ ޖެހުމާއި ކަސަބު ގެތުމާބެހޭ ވޯކްޝޮޕްތަކެއް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި ލިޔެލާ ޖެހުމާއި ކަސަބު ގެތުމާބެހޭ ވޯކްޝޮޕްތަކެއް ފަށައިފިއެވެ. މި ދެ ވޯކްޝޮޕް ކުރިއަށްދާނީ 14 ޖުލައި 2024 ން ފެށިގެން 14 ދުވަހުގެ ނިޔަލަށް ކަމަށާއި ...

17 Jul 2024 | 06:06

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި ލިޔެލާ ޖެހުމާއި ކަސަބު ގެތުމާބެހޭ ވޯކްޝޮޕްތަކެއް ފަށައިފިއެވެ.

މި ދެ ވޯކްޝޮޕް ކުރިއަށްދާނީ 14 ޖުލައި 2024 ން ފެށިގެން 14 ދުވަހުގެ ނިޔަލަށް ކަމަށާއި މިގޮތުން ލިޔެލާ ޖެހުމުގެ ވޯކްޝޮޕްގައި 10 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވާއިރު، ކަސަބު ގެތުމާބެހޭ ވޯކްޝޮޕްގައި ހަ ޕްރިޒަން އޮފިސަރުންނާއި ހަތަރު ސިވިލް މުވައްޒަފުން ބައިވެފައިވާކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ކަރެކްޝަންސް އިން ބުނެފައިވާގޮތުގައި މި ދެ ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޞަގާފީ މަސައްކަތްތައް އާލާކުރުމަށްޓަކަށް އޮފިސަރުންނާއި މުވައްޒަފުން ތަމްރީންކޮށް، އެމީހުން މެދުވެރިކޮށް ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީންނަށް މި މަސައްކަތްތައް ދަސްކޮށްދީ، މިއަހަރުތެރޭ މާފުށީ ޖަލުގައި ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ޤައިދީންގެ އުފެއްދުންތައް ދައްކާލުމާއި، އެތަކެތި ވިއްކައިގެން އާމްދަނީއެއްވެސް ލިބުމިގެ ފުރުޞަތު ހޯދައިދިނުމެވެ.

ޤައިދީންނަށް އަމާޒުކޮށްގެން މިފަދަ ވޯކްޝޮޕްތަކާއި ތަމްރީންތައް ހިންގުމަކީ ޤައިދީންގެ ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމާއި އެގޮތުން ކަރެކްޝަންސް އިން އަބަދުވެސް މަސައްކަތްކުރަނީ ޤައިދީން ކުށްކުރުމުން ދުރުހެލިކޮށް، ޖަލުގައި ހޭދަ ކުރާ ދުވަސްތައް ފައިދާކުރެނެވި ދުވަސްތަކަކަށް ހެދުމަށާއި، އެމީހުން ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ދޫކުރުމަށް ކަމާއި އަދި ޖަލުން ނިކުތުމަށްފަހު، އާމްދަނީއެއް ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުމަށް ކަމުގައި ކަރެކްޝަންސް އިން ބުނެއެވެ.

ލިޔެލާ ޖެހުމުގެ ވޯކްޝޮޕް ކުރިއަށްގެންދަނީ އަލްފާޟިލް ޢަބްދުލް އަޒީޒް އާ ގުޅިގެން ކަމުގައިވީއިރު، ކަސަބު ގެތުމާ ބެހޭ ވޯކްޝޮޕްގެ ކްލާސްތައް ނަގައިދެއްވާނީ ގަތާ ޓޭލްސްގެ އަލްފާޟިލާ ފާތިމަތު ނަދުހާ ޢަބްދުލް މުހުސިންއެވެ. މިފަދަ އެހެން ޞަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް މުސްތަޤްބަލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ކަރެކްޝަންސް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް