ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ...

17 Jul 2023 | 17:02

އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާ އެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް،އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

ހިމަންދޫގައި ރައްޔިތުން ދިރިނޫޅޭ ގޮނޑުދޮށް ސަރަޙައްދުގައި ކުއްޔަށް ނަގާފައިވާ 6 ބިމެއްގައި އިންވެސްޓަރުން އަންނަނީ ގެސްޓް ހައުސް އިމާރާތްކުރަމުންނެވެ. މިއަދު ސޮއިކުރެވުނު ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އެ ސަރަޙައްދު ހިމާޔަތް ކުރެވިގެންދާނެކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

އެގޮތުން އެމްޓީސީސީ އިން ބުނީ މިއީ ހަމަ ގައިމުވެސް އިޤްތިޞާދީ ގޮތުން ރަށަށް ލިބޭ ކުރިއެރުމަކަށް ވެގެންދާނެ ކަމަށާއި ރައްޔިތުން ތަޙައްމަލު ކުރަމުންއަންނަ ރަށްގިރުމުގެ މައްސަލައަށްވެސް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމެއްކަމަށް އެ ކުންފުނިން ދެކޭ ކަމެވެ.

މި މަޝްރޫޢުގެ ދަށުން، 43,200 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށަށް ވެލިއެޅުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި،އަދި 235 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ އިތުރަށް 240 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ 24.54 މިލިއަން ރުފިޔާއަށް 365 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެއް ކަމަށް އެމްޓީސީސީ އިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް