ރިޝްވަތާއި ފައިސާތަކެއް ލޯންޑަ ކުރުމުގެ މައްސަލާގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް އިންސާފު ލިބުން ލަސްވުމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފުލަން ޖެހިވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ މުއްދަތު އޮއްވައި ނިންމައި ދިނުމަށްއެދި އިދިކޮޅުން އަންނަނީ ތަކުރާރުކޮށް މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އަންނަ މަހުގެ 7 ވަނަ ދުވަހަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާއިރު، ހައިކޯޓުގައި ހިނގަމުންދާ އިސްތިއުނާފުގެ މައްސަލަ ނިމޭނެ ކަމާމެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.
އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ އެންމެ އިސްފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު، ދައުލަތުގެ އެއްވެސް ބާރެއްގެ ހިންގުން ހީނަރު ވިޔަސް، އަވަސް ކުރަން ގާނޫނުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެންގެވުމަކީ އެ މަނިކުފާނުގެ މަގާމުގެމަސްއޫލިއްޔަތެއް ކަމަށެވެ.
"ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމުގެ ޒިންމާ ރައީސް ސޯލިހު އުފުއްލަވަން ޖެހޭނެ،" ޣައްސާން ވިދާޅުވި އެވެ.
އިންތިޚާބުގައި ޔާމީނަށް ވާދަކުރެއްވޭނެ ކަމާ މެދު ސުވާލު އުފެދީފައިވީ ނަމަވެސް، އެހެން ކެންޑިޑޭޓަކު ނެރުމަށް ނުވެސް ވިސްނާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެލީޑަޝިޕުގެ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އިސްތިއުނާފުގެ މައްސަލަ ނިމި، ޔާމީން މިނިވަން ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް