ވައިގެ މަގުން ވ. އަތޮޅަށް ދަތުރުކުރެވެން ފެށުމުން އެއާޕޯޓެއް ނޯންނާނީ އއ އަތޮޅުގައި އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފެލިދޫގައި ހުންނަވައިގެން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ވ. އަތޮޅަށް ޓޫރިޒަމްގެ ބޮޑު ޕްރޮޖެކްޓެއް އަންނާނެ ކަމަށް ކުރީގެ ވާހަކަފުޅެއްގައި ވިދާޅުވެފައި ވާނެ ކަމަށެވެ.
އެކަމާ މެދު މާދަމާގެ އިކޮނޮމިކް ކައުންސިލްގައި ވާހަކަ ދެކެވޭނެ ކަމަށާއި އޭގެ ސަބަބުން ވ. އަތޮޅަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ވައިގެ މަގުން އެ ސަރަހައްދުގެ އަތޮޅަށް ދަތުރު ކުރެވޭނެ ގޮތްހަމަޖެހިގެންދާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އޭރުން ރާއްޖޭގައި އެއާޕޯޓެއް ނެތް އަތޮޅަކަށް އޮންނާނީ އއ އަތޮޅު އެކަނި ކަމަށް ރައީސް ވިދާޅުވިއެވެ.
ދެހާސް އަށާރަ ވަނަ އަހަރު ވ. އަތޮޅާއި ފެލިދޫއިން އެމްޑީޕީއަށް ލިބުނު ނަތީޖާ އެނގިލައްވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ނަތީޖާ އެގޮތަށް ނުކުތް ނަމަވެސް ތަރައްގީގެ މަޝްރޫއުތަކުގައި ތަފާތު ނުކުރާ ކަމަށެވެ.
އެގޮތުން ފެލިދޫގައި ރަނގަޅު ބޮޑު ބަނދަރެއް އެޅި، ސްކޫލަށް ބޭނުންވެފައިވާ މަލްޓިޕަރޕަސް ހޯލު ނިމި، ކުޑަކުދިންގެ ޕާކު ގާއިމު ކުރެވި، އިންޖީނުގެ އިމާރާތް ކުރެވިއްޖެ ކަމަށާއި ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދައުރު ނިމުމުގެ ކުރިން އެ ހުރިހާ މަސައްކަތެއް ކޮށް ނިންމޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އޭގެ އިތުރުން ފެލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި ކޮންޓްރެކްޓްކޮށް ބަޔަކާ ހަވާލު ކުރެވިފައިވާ ކަމަށާއި ހޮސްޕިޓަލް ތަރައްގީ ކުރުމަށް ވީ ވައުދާ އެއްގޮތަށް ކުވެއިތު ފަންޑުން އަޅާ ހޮސްޕިޓަލުތަކުގެ ތެރެއިން އެއް ހޮސްޕިޓަލު އަޅާނީ ފެލިދޫގައި ކަމަށް ރައީސް ވިދާޅުވިއވެ.
މިހާރު ކޮންޓްރެކްޓް ކުރެވި ބަޔަކާ ހަވާލު ކުރެވިފައިވާ އެ ހޮސްޕިޓަލަކީ ޒަމާނީ ވަސީލަތްތަކާއެކު، 30 އެނދު ހިމެނޭނެ ހޮސްޕިޓަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް