ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރަރ އަލީ ހަފީޒުގެ އެކްސިޑެންޓްގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން، ހަފީޒް ހޮސްޕިޓަަލަށް ގެންދިޔަ މީހުން ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުން ބުނީ، މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ފަތިހު، މާލެ، މަޖީދީމަގު، ގަލޮޅު ދަނޑު ސަރަހައްދުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް، އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދަން ބޭނުންވާ ކަމަށެވެ.
"އަނިޔާވި މީހާއަށް އެހީތެރިވި މީހުން ނުވަތަ އެމީހުންނާ ގުޅޭ މައުލޫމާތު އެނގިލައްވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުން އެދެން" ފުލުހުން ބުންޏެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތައް ކުރަމުން އަންނަ ހަފީޒް ގައިގައި ސައިކަލުން ޖެހުނީ ފަތިސް ނަމާދު ކޮށްގެން މިސްކިތުން ފައިބައިގެން ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި އައުމުން އެ ސައިކަލުގައި ޖެހި ހަފީޒް ވިއްސައިގެން ދިއުމުގެ ސަބަބުން ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.
އޭޑީކޭގރެ އައިސީޔޫގައި ހަފީޒަށް ފަރުވާދިނުމަށްފަހު އިންޑިޔާއަށް ފުރުވާލާފައި ވާއިރު އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ. އެއާ އެންބިއުލާންސްގައި ހަފީޒު ފުރުވާލީ އާއްމު އެއާލައިނެއްގައި ބޭރަށް ނުގެންދެވޭތީއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަފީޒްގެ ހާލަތަށް އަންނަނީ ކުރިއެރުންތަކެއް ލިބެމުންނެވެ. އޭނާގެ ފައިގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. ފައިގެ އޮޕްރޭޝަން ކުރީ، އެންމެ ބޮޑަށް އަނިޔާ ލިބިފައި ވަނީ ފަޔަށް ކަމުގައި ވާތީއެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ މިހާރު ވަނީ ހައްޔަރު ކޮށްފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް