މީން ޒަމާނެއްގައި އެއްވެސް ސަރުކާރަކުން ނުހިންގާވަރުގެ ބޮޑެތި މަޝްރޫއުތައް ހިންގިއްޖެ: ރައީސް

މީން ޒަމާނެއްގައި އެއްވެސް ސަރުކާރަކުން މިހާތަނަށް ނުހިންގާވަރުގެ ބޮޑެތި މަޝްރޫއުތައް ހިންގިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަ...

17 Jul 2023 | 04:49

މީން ޒަމާނެއްގައި އެއްވެސް ސަރުކާރަކުން މިހާތަނަށް ނުހިންގާވަރުގެ ބޮޑެތި މަޝްރޫއުތައް ހިންގިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. މަޑުއްވަރީގައި ވާހަކަ ދައްކަވަމުންނެވެ.

މި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވީ ހަމައެކަނި ފެނާއި ނަރުދަމާއަށް141 ރަށެއްގައި ފަސް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއު ހިންގާފައި ވާނެ ކަމަށެވެ.

މީގެ އިތުރުން މި ސަރުކާރުން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރަނގަޅު، ހޭލުންތެރި، ޓެކްނިކަލް، ތައުލީމީ ޖީލެއް އުފެއްދުމަށް އުންމީދު ކުރައްވާ ކަމަށެވެ. އެގޮތުން ރަށްރަށުގެ ސްކޫލުތަކަށް ބޭނުންވާ އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއްވެސް ކޮށްދީފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޖުމުލަ3000ށް ވުރެ ގިނަ ދަރިވަރުން ސްޓޫޑެންޓް ލޯނުގައި ރާއްޖެއިން ބޭރުން ކިޔަވަމުން ދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ދަރިވަރުން ކުރިއަށް އޮތް ތިން އަހަަރުގެ ތެރޭގައި ކިޔަވާ ނިމި މަސައްކަތުގެ މާހައުލަށް ނުކުންނާނެ ކަމަށެވެ. އަދި އުންމީދަކީ އެ ދަރިވަރުން ރާއްޖެ އައުމުން އަދާކުރާނެ ރަނގަޅު ވަޒީފާތަކެއް އުފެދުން ކަމަށެވެ.

ކުރިއަށްއޮތް ދަރުއުގައި މަޑުއްވަރީގެ ތަރައްގީއަށް ކޮށްދޭނެ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަޑުއްވަރީގެ ތާއީދު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި އިތުރު ދައުރެއް ލިބިއްޖެނަމަ މަޑުއްވަރީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް ހޭޅިފަށް ރައްކާތެރި ކޮށްދޭނެ ކަމަށާއި އަދި ކުނީގެ މައްސަލައަށް ހައްލު ހޯދުމުގެ މަޝްރޫއުގައި މަޑުއްވަރިއަށް އިސްކަން ދޭނެ ކަމަށާއި، ވޭވަށު ބޭރުގައި އަޅާފަ އޮތް މަސް ކަނދުފައްޗާއެކު އެ ސަރަހައްދުގެ30 މޭލު ދުރުގައި އިތުރު ކަނދުފައްޗެއް އަޅައިދެއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް