'އުންމީދުއޮތް' ބައެއް ކެންޑިޑޭޓުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތާ ބެހޭ ގޮތުން ކޮމަންވެލްތުން މައުލޫމާތު ހޯއްދަވާފައިވާކަމަށް އިލެކަޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 އޮބްޒާވް ކުރުމަށް އާންމުކޮށް ހުޅުވާލި ފުރުސަތާ ގުޅިގެން، ދުނިޔޭގެ އެކި ޖަމިއްޔާ، ޖަމާޢަތްތަކާއި، އެކިއެކި ގައުމުތަކުން ވޭތުވެދިޔަ ގާތްގަނޑަކަށް ދެމަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން، ޔޫއެން، ޔޫރަޕިއަން ޔޫނިއަން، ކޮމަންވެލްތު، ޔޫއެސް އެއިޑް، އައިއެފްއީއެސް އާއި، އޮސްޓްރޭލިޔާ، ކެނެޑާ، ޖަޕާން، އިނގިރޭސި ވިލާތް އަދި އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ކޮމިޝަނާ ބައްދަލު ކުރައްވައި، އިންތިހާބު އޮބްޒާވް ކުރެއްވުމާ ބެހޭގޮތުންނާއި، އިންތިހާބަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވައި، ދެފުށް ފެންނަ، އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މައްޗަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
އަދި ބައެއް ޖަމާއަތްތަކުންނާއި ގައުމުތަކުން އިންތިހާބުގެ މަސައްކަތްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
އޭގެ އިތުރުން އީސީއާއެކު މަޝްވަރާ ކުރެއްވި ފަރާތްތަކުގެ ތެރޭގައި، މިދިޔަ ހަފްތާގައި ކޮލަމްބިޔާ ގައި ބޭއްވި ދުނިޔޭގެ އިލެކްޝަންސް ޖަމްޢިއްޔާ އޭވެބް ގެ އެގްޒެކްޓިވް ބޯޑު މީޓިންގ ގައި ބައިވެރިވެ ވަޑައިގެންނެވި އެކި ގައުމުތަކުގެ ކޮމިޝަނަރުން، އެ ބައްދަލުވުމުގެ ހަވާސާގައި، ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު އާ ވެސް ބައްދަލު ކުރައްވައި، ރިޔާސީ އިންތިހާބު އޮބްޒާވް ކުރެއްވުމާއި، ގުޅުން ބަދަހި ކުރުމުގެ މަޝްވަރާ ކުރައްވާފައިވެއެވެ.
ޔޫއެންޑީޕީ އިންނާއި، އީޔޫގެ ޑެލިގޭޝަނުންނާއި، ކޮމަންވެލްތުގެ ޕްރީ އެސެސްމެންޓް މިޝަން ގެ ބޭފުޅުންގެ ފަރާތްޕުޅުން ވެސް އިންތިހާބު އިންތިޒާމުތައް ރޭވެމުންދާ ގޮތާއި، މަސައްކަތްތައް ކުރިއަށްދާގޮތް ވަރަށްގާތުން ބައްލަވަމުން ގެންދަވާ ކަމަށް އީސީއިން ބުނެއެވެ.
އެގޮތުން، ހަބީބް ވިދާޅުވީ ކޮމަންވެލްތުގެ ޓީމުން 'އުންމީދުއޮތް' ބައެއް ކެންޑިޑޭޓުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތާ ބެހޭ ގޮތުން ވެސް މައުލޫމާތު ހޯއްދަވާފައިވާ ކަމަށާއި ބޭރުގެ ވީހާވެސް ގިނަ ފަރާތްތަކުން އިންތިހާބު އޮބްޒާވް ކުރެއްވުމަކީ، އިންސާފުވެރި ކަމާއެކީގައި އިންތިހާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.
'އުންމީދު އޮތް' ކެނޑިޑޭޓަކީ ކުރީގެ ރައީސް ޔާމީނު ކަމަށް އީސީން ވަނީ "ދުވަސް" އަށް ކަށަވަރު ކޮށްދީފައެވެ
މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދެފުށް ފެންނަގޮތަށް، ރިޔާސީ އިންތިހާބު ގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ މައްޗަށް ނޫން ގޮތަކަށް، ބޭރުގެ އަދި އެތެރޭގެ އެއްވެސް ފަރާތަކުން ވެސް، އެއްވެސް މަޝްވަރާއެއް ކޮމިޝަނަށް ދެއްވާފައި ނުވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް