ސަމާސާއަކަށް ނަމަވެސް ދޮގެއް ނުހަދާށެވެ.

ދޮގަކީ، އެކަމެއް ހިނގައިދިޔަ ގޮތާއި ޙިލާފަށް ބުނެވޭ ބަހެކެވެ. ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއްކަމާއި، އެކަމުން ރައްކާތެރިވުމަށް މިއުންމަތުގެ މާތް ނަބިއްޔާ އަޅުގަނޑުމެންނަށް ވަނީ އަންގަވާފައެވެ. އެއީ...

17 Jul 2022 | 15:32

ދޮގަކީ، އެކަމެއް ހިނގައިދިޔަ ގޮތާއި ޙިލާފަށް ބުނެވޭ ބަހެކެވެ. ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއްކަމާއި، އެކަމުން ރައްކާތެރިވުމަށް މިއުންމަތުގެ މާތް ނަބިއްޔާ އަޅުގަނޑުމެންނަށް ވަނީ އަންގަވާފައެވެ. އެއީ އެ ސިފައެއް ދެކެ އެކަލޭގެފާނު ނުހަނު ނުރުހުންތެރިވާ ސިފައެއްވެސްމެއެވެ.

ދޮގުހަދާ މީހުންނަކީ ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންކަމުގައި ﷲ ޞުބްޙާނަހޫ ވަތައާލާ ވަޙީކުރައްވާފައިވޭއެވެ.

إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ ۖ وَأُولَـٰئِكَ هُمُ الْكَاذِبُونَ (سورة النحل، 105)

މާނަ: ދޮގުހަދާކަން ކަށަވަރީ، ﷲ ގެ آية ތަކަށް إمان ނުވާ މީހުންނެވެ. އަދި އެއުރެންނަކީ ހަމަ، ދޮގުވެރިންނެވެ.

އަދި އެކަލޭގެފާނު ޚަބަރުދެއްވާފައިވާ ގޮތުގައި ދޮގުހެދުމަކީ ފާފައެކެވެ. އަދި އެކަން މަގުދައްކަނީ ނަރަކައަށެވެ. ދޮގުހެދުމުގައި ދެމިހުރެއްޖެ މީހާ، ﷲ ގެ ޙަޞްރަތުގައި ދޮގުވެރިއެއް ކަމުގައި ލިޔެވޭހުއްޓެވެ.

ކަންމިހެން ހުރިނަމަވެސް މިއަދުގެ ހާލަތައް ބަލާއިރު، ދޮގު ބުނުމާއި ނުވަތަ ދޮގުހަދައިގެން ވާހަކަ ދެއްކުމަކީ އަހަރެމެންގެ ތެރޭގައި ގިނަ ބައެއްގެ ކަށީގައި ހިފައިފައިވާ ކަމެކެވެ. އެފަދަ މީހުން ދެކޭ ގޮތުގައި ދޮގެއް ހަދާލުމަކީ މާ ބޮޑުކަމެއް ނޫނެވެ. އަދި އެއީ ބޮޑު ހިތްހަމަ ޖެހުމަކާއި އުފަލެއް ލިއްބައިދޭ ކަމެއް ކަމުގައި ވެސް އެފަދަ މީހުން ދެކެެއެވެ.

މިފަދަ މީހުން ސަމާސާއަކަށް ނަމަވެސް ދޮގެއް ހަދާނުލާ ހިތްހަމައެއް ނުޖެހެއެވެ. މިއީ ނުރައްކާތެރިކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވީ ނަމަވެސް އެވެ.

ގިނަ ބަޔަކު ދޮގު ހަދަނީ ކަމެއް ފޮރުވުމަށް ނުވަތަ ކަމެއް ފޫބައްދާލާ އެކަމަކުން ސަލާމަތްވުމަށެވެ. ވިސްނާލަން ޖެހޭ ހަޤީޤަތަކީ ކުޑަ ކުޑަ ކަމެއް ފޫބެއްދުމަށް ވެސް ދޮގެއް ހަދައިފި ނަމަ އެ ދޮގު ފޮރުވުމަށް އެތައް ގިނަ ދޮގެއް ހަދަން ޖެހޭކަމެވެ.

އެހެންކަމުން ދޮގު ހަދާ، ދޮގު ވާހަކަ ދައްކާ އެފަދަ ވާހަތައް ފެތުރުމަކީ މުޖުތަމަޢުގައި ފިތުނަ އުފެދި ފަސާދަވާން މެދުވެރިވާ ސަބަބެކެވެ. ކަން މިހެން ހުރިއިރު މިފަދަ ނުބައި އާދަތަކުން ދުރުހެލިވެ ރައްކައުތެރިވާން އެބަޖެހެއެވެ.

ސަމާސާއަކަށް ނަމަވެސް ދޮގު ނުހަދާށެވެ. ސަމާސާއަކަށް ނުވަތަ މަޖަލަކަށް ވެސް ދޮގު ހެދުމަކީ ދީން ހުއްދަކުރާ ކަމެއް ނޫންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް