ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް ގެ ފަރާތުން ޕީއެސްޖީއަށް މިހާތަނަށް އެއްވެސް ހުށައެޅުމެއް ލިބިފައިނުވާ ކަމަށާއި އަދި ޕީއެސްޖީން ރޮނާލްޑޯގެ އޮފާ ގަބޫލު ނުކޮށް އަނބުރާ ފޮނުވާލިކަމަށް ބުނެ މީޑިއާގައި ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށް ޕީއެސްޖީގެ ފުޓްބޯޅަ އެޑްވައިޒަރ ލުއިސް ކެމްޕޯސް ބުނެފިއެވެ.
ރޮނާލްޑޯގެ ހުށައެޅުން ޕީއެސްޖީން ގަބޫލު ނުކޮށް އަނބުރާ ފޮނުވާލިކަމަށް މީޑިއާގައި ދެކެވޭ ވާހަތަކާއި ގުޅިގެން ކެމްޕޯސް ބުނީ މިހާތަނަށް ރޮނާލްޑޯގެ އެޖެންޓު ޖޯޖް މެންޑޭސްގެ ފަރާތުން ޕީއެސްޖީއަށް އެއްވެސް ކަހަލަ ހުށައެޅުމެއް ހުށައަޅާފައިނުވާކަމަށާއި އަދި ރޮނާލްޑޯ އާއި ބެހޭގޮތުން ދެފަރާތުގެ މެދުގައި އެއްވެސް ވާހަކައެއް ވެސް މިހާތަނަށް ދެކެވިފައި ނުވާކަމަށް ކެމްޕޯސް ބުންޏެވެ.
ކެމްޕޯސް ބުނީ މީޑިއާގައި ޕީއެސްޖީއާއި ގުޅޭ ގޮތުން ހަޤީޤަތާއި ޚިލާފު ވަރަށް ގިނަ ވާހަކަތަކެއް ފަތުރަމުން އަންނަ ކަމަށާއި އެފަދަ ވާހަތަކުގައި އެއްވެސް ހަޤީޤަތެއް އެކުލެވިގެން ނުވާކަމަށެވެ. އަދި މިފަދަ ދޮގު ވާހަކަތައް ފަތުރަނީ ނިއުސް އެޖެންސީތައް ޕްރޮމޯޓު ކުރުމަށް ކަމަށާއި، އެފަދަ ފަރާތްތަކުން ހަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުން ހުއްޓާލަން ޖެހޭ ކަމަށްވެސް ކެމްޕޯސް ބުންޏެވެ.
" އަހަރެމެންނަށް ރޮނާލްޑޯގެ އެޖެންޓުގެ ފަރާތުން މިހާތަނަށް އެއްވެސް ހުށައެޅުމެއް ލިބިފައެއް ނުވޭ. އަދި ދެފަރާތުގެ މެދުގައި އެފަދަ އެއްވެސް ވާހަކައެއް ވެސް ދެކެވިފައެއް ނެތް. މީޑިއާތަކުގައި ފެތުރެނީ ހަޤީޤަތާއި ޚިލާފު ދޮގު ވާހަތަކެއް. އެ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް." ކެމްޕޯސް ބުންޏެވެ.
އިތުރަށް އޭނާ ބުނީ ރޮނާލްޑޯ އަކީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑޯ އަކީ ޕީއެސްޖީން ވަރަށް ބޮޑަށް އިޙުތިރާމް ކުރާ ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް މިވަގުތު ޕީއެސްޖީގައި ދުނިޔޭގެ ފެންވަރުގެ ތިން ފޯވާޑުން އެބަތިބި ކަމަށާއި އެވަރުން މިވަގުތައް ފުދޭކަމަށް ވެސް ކެމްޕޯސް ބުންޏެވެ.
މީގެ ކުރިން ބާސެލޯނާއިންވެސް ވަނީ ރޮނާލްޑޯ އެކުލަބަށް ގެންނަ އުޅޭކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް