ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީ، ގައުމުގެ ރައްޔިތުންނަށްވުރެ ގިނަވެފައިވާތީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކުރީގެ އިންފޮމޭޝަން އޮފިސަރ އަދި ރިޓެއަރޑް މޭޖަރ އިބްރާހިމް އާޒިމް ގެ ސުވާލުތަކެއް ބަންޑުން ކޮށްލައިފިއެވެ.
އާޒިމް ގެ ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ "ޤައުމުގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އާބަދީ ޤައުމުގެ ރައްޔިތުންނަށްވުރެއް ގިނަވެ ފިޔަވަޅެއްނާޅާ ދޫކޮށްލުމަކީ މިޤައުމުގެ މިނިވަންކަމާއި މުޅި ޤައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއްނޫންތޯ؟" ސުވާލު ކުރައްވާފައެވެ.
"އަޅުގަނޑު ދެކޭގޮތުގައި" ގެ ނަމުގައި ކުރައްވާފައިވާ ޕޯސްޓުގައި އާޒިމް އިތުރަށް ވަނީ އެެމީސްމީހުންގެ ފަރާތުން ތަފާތު ނެދެވޭ އިޖްތިމާއީ މައްސަލަތައް ފުނިޖެހެމުން އޮބިނޯންނަ ހިސާބަށް ކަންކަންދާއިރު، އޮތް ހައްލަކީ ކޮބައިތޯ ވެސް ސުވާލު ކުރައްވާފައެވެ.
ނުވިތާކަށް ޤައުމަށް ވަންނަ ބޭރުފައިސާގެ ބޮޑުބައެއް ބޭރުވެ، މިޤައުމުގެ އުފެއްދުންތެރިކަމަށް ލިބެނުންދާ ލޮޅުންތައް، ކޮޅުނެތްކޮޅުގެ ގެއްލުން އަންދާޒާކޮށްލަން އެބަޖެހޭނުންތޯ ސުވާލު ކުރައްވާ އިތުރަށް ވިދާޅުވީ ޤައުމުގެ ފުދުންތެރިކަމަށް ބިދޭސިންގެ ބޭނުން ހިފަންޖެހޭ ކަމަށާއި އެހެނަސް ހަމަޖެހިފައިވާ އުސޫލައި ހަމަތަކުގެ މަތިން ކަމަށެވެ.
"މައްސަލަ ހައްލުކުރުމަށް ޒިންމާވަނީ ކާކުތޯ އެވެ. މި މައްސަލައިގައި ރައްޔިތުންގެ ފަރުދީ ޒިންމާ އޮތީ ކިހާވަރަކަށްތޯ އެވެ. ހައްލެއްނެތި ކުރިން ކަންކުރިގޮތަށް ފާޑުކިޔަކިޔާ، (އެވެެރިކަން މިވެރިކަމަށް) ފޫޅުކަނޑައިގެން ހަމަތިބެންވީތޯ އެވެ. ނޫނީ ކަމުންރެކި އަލަށް އަރާބަޔަކު ހައްލުކުރަން ދޫކޮށްލީތޯ އެވެ." އާޒިމް ގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ޤަވައިދާ ޚިލާފަށްއުޅޭ ބިދޭސިންގެ ތަފާތު މައްސަލަތައް ބޮޑުވެ ހައްލެއްނެތި، ރެފިއުޖީންގެ ގޮތުގައި ބޮޑުއާބާދީއެއް އުފަންވެ ބަލަދުއަރައިގެން ބަލަންޖެހުމުގެ ބުރަ އުފަލަން ނުޖެހޭނެބާވައޭ ސުވާލު ކުރައްވާފައިވެއެވެ. އަދި ބޮއްސުންލައިގެން ނުދަނީސް ޢަމަލީ މަސައްކަތުން ނަތީޖާއެއް ނެރެން އެބަޖެހޭނޫންތޯ އާއި ގޮތްފެންނާނީ ގޮތްހޯދީމައި ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރ ގެ މަގާމުން އިބްރާހިމް އާޒިމް ވަކިކުރައްވާފައިވަނީ 11 އޯގަސްޓް 2021 ގައެވެ. އެ މަގާމުގައި އާޒިމް ހުންނެވިއިރު، ފާހަގަކުރެވުނީ މީޑިއާ އާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. އަދި މީޑިއާ އަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއްވުމުގައި ވަރަށް އަވަދި އުޅުއްވި ބޭފުޅެއްގެ ގޮތުގައެވެ.
އާޒިމް އެމްއެންޑީއެފް ގައި 34 އަހަރާއި 2 މަހާއި 12 ދުވަހު، އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ފަހު، މަގާމުން ރިޓެއަރ ކުރައްވާފައިވަނީ 1 ޖުލައި 2022 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް