ނެޝަނަލް ނެޓްބޯލް ޓޯނަމެންޓް: ލޮރެންޒޯ، ވިޔަންސާ އަދި ގްރީން ސްޓްރީޓުގެ ފެށުން ރަނގަޅުކޮށްފި

މި ޖުލައި މަހުގެ 16 ވަނަ ދުވަހު ފެށި "މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓް 2022" ގެ ފުރަތަމަ ތިން މެޗު ލޮރެންޒޯ، ވިޔަންސާ އަދި ގްރީން ސްޓްރީޓުން ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ. މި މުބާރާތުގެ ފުރ...

17 Jul 2022 | 05:10

މި ޖުލައި މަހުގެ 16 ވަނަ ދުވަހު ފެށި "މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓް 2022" ގެ ފުރަތަމަ ތިން މެޗު ލޮރެންޒޯ، ވިޔަންސާ އަދި ގްރީން ސްޓްރީޓުން ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ސްކައިލާރކް އާ ވާދަކޮށް ލޮރެންޒޯ އިން މެޗު ކާމިޔާބުކުރީ 47 ޕޮއިންޓު 19 ޕޮއިންޓުންނެވެ. ދެވަނަ ޑިވިޜަންގެ މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ލޮރެންޒޯގެ އަލްމާސް އަލީ އެވެ.

ދެވަނައަށް ކުޅުނީ ވެސް ދެވަނަ ޑިވިރަންގެ މެޗެކެވެ. މި މެޗުގައި ވާދަކުރީ ޔުނައިޓެޑް ޔުނިޓީ އާއި ވިޔަންސާއެވެ. މި މެޗު ވިޔަންސާ އިން ކާމިޔާބުކުރީ 33 ޕޮއިންޓު 19 ޕޮއިންޓުންނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ވިޔަންސާގެ ހައްވާ ޒާހިރާއެވެ.

މި މުބާރާތުގެ ތިންވަނަ މެޗު ގްރީން ސްޓްރީޓުން ކާމިޔާބުކުރީ ޝައިނިންގ ސްޓާރ އާ ވާދަކޮށް ތަފާތުބޮޑު ނަތީޖާއަކުންނެވެ. 80 ޕޮއިންޓު 29 ޕޮއިންޓުން ގްރީން ސްޓްރީޓް މޮޅުވި މި މެޗުގެ ކްއީން އޮފް ދަ މެޗަށް ހޮވުނީ ގްރީން ސްޓްރީޓްގެ އައިމިނަތު ރީމް ޝާމްއެވެ.

މިއަދާއި މިރޭ ވެސް މި މުބާރާތުގައި ތިން މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ހަވީރު 16:30 ގައި ޒެނިތް ސްޕޯޓްސް އާއި މެޓްރިކްސް ވާދަކުރާއިރު، 19:00 ގެ މެޗުގައި ވާދަކުރާނީ ލޮރެންޒޯ އާއި ޔުނައިޓެޑް ޔުނިޓީއެވެ. އަދި މިރޭ 21:30 ގައި ވާދަކުރާނީ ސްކައިލާރކް އާއި ވިޔަންސާއެވެ.

އިޖުތިމާޢީ މަރުކަޒު (ސޯޝަލް ސެންޓަރ) ގެ އެތެރޭ ކޯޓުގައި ކުރިއަށް ދާ މި މުބާރާތް ޖުލައި 22 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް