ސިހުރެއް ކަމަށް ބެލެވޭ ލިޔުންތަކެއް ލިޔެފައިވާ ކެޔޮވަކެއް ހުޅުމާލޭ އާސަހަރާ ސާފުކުރި އިރު ފެނިފައިވާއިރު އެ ކެޔޮވަކާއި އެ ސިހުރަކީ އާއިލާއެއް އެއްކޮށް ހަލާކުކޮށްލުމަށް ހަދާފައިވާ ސިހުރެއްކަމުގައި ބެލެވޭކަމަށް "ހީލިން ތްރޫ ރުގްޔާ އެންޑް ހިޖާމާ" ޕޭޖުގައި ބުނެފިއެވެ.
އެގޮތުން އެ ޕޭޖުގައި ރޭގައި ބުނެފައިވަނީ ބައެއް ބޭފުޅުން އެ ފޮޓޯ ފޮނުވާފައި މިއީ އަސްލު ސިޙުރެއްތޯ އާއި އަދި މިފަދަ ސިޙުރެއް ފެނިއްޖެނަމަ ނައްތާލަން ހަދަން ޖެހޭނީ ކިހިނެތްތޯ ސުވާލު ކުރާތީ މިކަމުގެ ތަފްޞީލެއް ހިމާނަލުމަށް ޤަސްދުކުރީ ކަމަށެވެ.
"ފުރަތަމަ ކަމަކަށް މިއީ އަސްލު ސިޙުރެކެވެ. ލިޔެފައިވާ އެއްޗެހިން ފެންނަ މިންވަރަށް ބަލާއިރު މިއީ ޢާއިލާއެއް އެއްކޮށް ހަލާކު ކޮށްލުމަށް ހަދާފައިވާ ސިޙުރެއް ކަމަށް ބެލެވެއެވެ. މިފަދައިން ކެޔޮވަކުގައި ލިޔެގެން ނުވަތަ ކެޔޮލުގެ ތޮށީގައި ލިޔެގެންވެސް ސިޙުރުވެރިން ސިޙުރު ހަދާއުޅެއެވެ. މިގޮތަށް ވަޅުލައިގެން ހަދާ ސިޙުރުތަކުގައި، ބޭނުންކުރާ އެތި ފީވެ ހަލާކުވާ ވަރަކަށް ސިޙުރުގެ އަސަރު ކޮށްފައިވާ މީހާ ބަލިވެ ހާލު ބޮޑުވަމުން ދެއެވެ." އެ ޕޭޖުގައި ބުނެފައިވެއެވެ.
އެ ޕޭޖުގައި ބުނެފައިވަނީ މިފަދަ އެއްޗެއް ފެނިއްޖެ ނަމަ އާޔަތުލް ކުރުސި ހަތް ފަހަރު ކިޔުމަށްފަހު ނޫނީ އެ އެއްޗެއްގައި އަތް ނުލުން އެދެވިގެން ވާކަމަށާއި އެހެނީ ސިޙުރުގެ އަސަރު، ގުޅުން ނެތް މީހަކަށްވެސް، ސިޙުރު ހަދާފައިވާ އެއްޗެއް ނަގައި އޭގައި އަތްލުމުން ބައެއް ފަހަރު އުނދަގޫތައް ދިމާވެފައި ހުރުމުން، މިފަދަ ކަމަކުން ރައްކާތެރިވުމަށް ކަމަށެވެ.
"ސިޙުރު ހަދާފައިވާ އެއްޗެއް ނައްތާލުމަށް ފެން އެއްޗަކަށް ތިރީގައިވާ ލިންކުގައިވާ އާޔަތްތަށް އޮނަހިރި އަދަދަކަށް ކިޔަވާށެވެ. 3 ފަހަރު ނުވަތަ 7 ފަހަރު ވެސް إن شاء الله ރަނގަޅުވާނެއެވެ.
http://htruqya.com/archives/1174
އެއަށްފަހު ސިޙުރު ހަދާފައިވާ އެތި އެ ފެންގަނޑުގެ ތެރޭގައި ބާއްވައިގެން، އާޔަތުލް ކުރުސި، ސޫރަތުލް އިޚްލާސް، ފަލަޤް އަދި ނާސި ތަކުރާރުކޮށް ކިޔަވަމުން ހަލާކު ކޮށްލާށެވެ. މިގޮތަށް ކެޔޮވަކެއް ނުވަތަ ލޯ ފޮއްޗެއް ނުވަތަ އެހެންވެސް އެއްޗެއްގައި، ލިޔެފަ ހުންނަ ސިޙުރުގެ ތަކެތި ތޫނު އެއްޗެއް ބޭނުންކޮށްގެން ކަހާލާށެވެ. އެއަށްފަހު ފެން އަޅާފަ ހުރި އެތީގައި މައްޗެއް ޖަހައި 3 ދުވަސް ނުވަތަ 7 ދުވަސް ވަންދެއް ބެހެއްޓުމަށްފަހު ފެންތައް މީހުން ނޫޅޭ ހިސާބަކަށް ނުވަތަ ގަހެއްގެ ދޮށަށް އުކާލާށެވެ. އަދި އޭގައި ހުރި ތަކެތި ނަގާ ހިއްކާލުމަށްފަހު އަންދާލާށެވެ. إن شاء الله މިވަރުން އެ ސިޙުރެއްގެ އަސަރު ނެތިގޮސް ބާޠިލްވާނެއެވެ." އެ ޕޭޖުގައި ބުނެފައިވެއެވެ.
އެ ޕޭޖުގައި ބުނެފައިވަނީ ބައެއް ބޭފުޅުން މިގޮތަށް ފެންނަ ބައެއް ސިޙުރު ނަގާ މޫދަށް އެއްލާލައެވެ. އަދި އަނެއްބައި ފަހަރު ވަގުތުން އަންދާލާކަމަށާއި މި ދެގޮތަކީވެޒސް މިކަމުގެ ސަބަބުން ސިޙުރު ޖެހިފައިވާ މީހާއަށް އިތުރު އުނދަގޫތަކެއް މެދުވެރިވުން ވަރަށް ގާތް ދެ ގޮތް ކަމަށެވެ.
މޫދަށް އެއްލާލުމުން ގިނަފަހަރު ސިޙުރު ހަދާފައިވާ އެތިން ސިޙުރުގެ އަސަރު ނުކެނޑި ސިހުރު ބާޠިލް ނުވެ ހުންނަ ކަމަށާއި އަދި ބައެއް ސިޙުރުތަކަކީ އެ ސިޙުރު ހަދާފައިވާ އެއްޗަކަށް ހޫނުވުމުން، ސިޙުރު ޖެހިފައިވާ މީހާއަށް ބޮޑެތި އުނދަގޫތަށް ގެނުވާ ކަމެއް ކަމަށް ބުނެފައިވެއެވެ. އެހެންކަމުން މިފަދައިން ކަންކުރުމުން ދުރުވުމަށްވެސް އެދިފައިވެއެވެ.
ހުޅުމާލޭ ސަހަރާގެ ވިނަގަނޑެއްގެ ތެރެއިން، ސިހުރު ލިޔެފައިވާކަމަށް ބެލެވޭ ކެޔޮވަށް ފެނުނީ ހުކުދު ދުވަހު އެ ސަހަރާ ސާފުކުރުމުގެ މަސައްކަތުގައި އުޅުނު ބަޔަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް