ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ފިރިހެއް ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓު ލިބިއްޖެ އެވެ.
ޕޯސްޓްމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ޕޯސްޓް މޯޓަމް ހެދުމަށް ފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިމަހުގެ12 ވަނަ ދުވަހު އެވެ
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ 13 އަހަރު ކުއްޖާގެ ޕޯސްޓްމޯޓަމް ޕްރެލިމިނަރީ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ކުއްޖާ މަރާލި މައްސަލަ ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ތަހްގީގު ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެކަމަކު ރިޕޯޓު ލިބުނުކަން ހާމަ ކުރުން ފިޔަވައި ރިޕޯޓާއި ގުޅޭ މައުލޫމާތުގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދާފައިވަނީ އެ ކުއްޖާގެ އާއިލާގެ ރުހުމާ އެކު އެވެ. އެކަމަކު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އާއިލާގެ ރުހުމާ ނުލައި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ.
އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނީ މިދިޔަ މަހުގެ22 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީ މޫދުގައި އެވެ.
މި މައްސަލައިގަ ދެމީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ 17 އަހަރުގެ ކުޑަކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް