ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންތަކާ ހިލާފުވުމުން މާލެ ސަރަހައްދުގެ ތިން ގެސްޓްހައުސްއެއްގެ ހުއްދަ ހިފަހައްޓައިފި އެވެ.
އެ ގެސްޓް ހައުސްތައް ހިންގަނީ ހުޅުމާލޭގައި އެވެ. އެކަމަކު ހުއްދަ ހިފެހެއްޓި ގެސްޓް ހައުސްތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައެއް ނުވެ އެވެ.
އެ މިނިސްޓްރީން ބުނީ ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ގަވައިދާ ހިލާފަށް ހިދުމަތް ދެމުންދާތީ އެވެ. އެޗްޕީއޭގެ ގައިޑްލައިން ބުނާ ގޮތުން ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެވޭނީ ހަމަ އެކަނި ރިސޯޓުތަކުގައި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންގެ ކަންކަން މޮނީޓާ ކުރުމަށް މިހާރު ކުރިއަށް ގެންދާ އިންސްޕެކްޝަންގެ ތެރެއިން ގައިޑްލައިންތަކާ ހިލާފުވުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިންގާ ތިން ގެސްޓްހައުސްއެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.
ހުއްދަ ބާތިލުކުރި ތިން ގެސްޓް ހައުސްގައި ތިބި ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މީހުން ތިބޭތަން ރިސޯޓުތަކަށް ބަދަލު ކުރުމުގެ ފުރުސަތު ދީފަ އެވެ. ރިސޯޓުތަކަށް ބަދަލު ނުވާނަމަ އެ ޓޫރިސްޓުން އެނބުރި ދާން ޖެހޭނެ އެވެ.
ހުޅުމާލޭގެ ތިން ގެސްޓް ހައުސެއްގެ ހުއްދަ ބާތިލު ކޮށްފައިވާއިރު، އިތުރު ތިން ގެސްޓް ހައުސްއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިންޒާރު ދީފަ އެވެ. އެއީ މާލޭގެ ދެ ތަނަކާއި ހުޅުމާލޭގެ ތަނެކެވެ. މީގެ ތެރޭގައި ދެކުނު އޭޝިއާ އިން ވޯކް ވިސާގައި އަންނަ މީހުން ކަރަންޓީން ވާން ހަމަޖައްސާފައިވާ ގެސްޓު ހައުސް އެއްވެސް ހިމެނެ އެވެ.
ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ވިސާ ދޫކުރުން މެދުކަނޑާލުމަށް ފަހު އަލުން އެ ސަރަހައްދުގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެޗްޕީއޭގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި މަހުގެ ނިޔަލަށް ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ގެސްޓް ހައުސްތަކުގައި ނުތިބެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް