ދިވެހިންނަކީ ހަރުކަށި ފިކުރުގެ ބައެއްކަން ދުނިޔެއަށް ދައްކައި، ނަޝީދު އުޅުއްވަނީ އަމިއްލަ މަންފާތަކެއް ހާސިލްކުރަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ދިވެހިންނަކީ ހަރުކަށިފިކުރުގެ ބައެއްކަން މުޅި ދުނިޔެއަށް ދެއްކުމަށް ކަމަށް އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފި އެ...

17 Jul 2021 | 17:55

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ދިވެހިންނަކީ ހަރުކަށިފިކުރުގެ ބައެއްކަން މުޅި ދުނިޔެއަށް ދެއްކުމަށް ކަމަށް އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނެފައި މިވަނީ ވެރިކަން ކުރާ މައި ކޯލިޝަންގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރަށް ލިބުނު ފައިދާއެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދަށް ސިޔާސީ ގޮތުން ކުރައްވާ ތާއީދުވެސް އަނބުރާ ގެންދެވިގެން ހާމަ ކުރައްވާފަ އެވެ.

އަދާލަތުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިނިވަންކަމާއި ހަމަހަމަ ކަމުގެ ނަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ އަމިއްލަ މަންފާތަކެއް ހާސިލުކުރަން ކަމަށެވެ. އަދި މުޅި ދުނިޔޭގެ ކުރިމަތީ ދިވެހިންނަކީ ހަރުކަށި ފިކުރުގެ ބަޔަކަށް ހަދައިގެން އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުންދާ ކަމަށް ބުނެފައިވެއެވެ.

އަދާލަތުގެ ބާޔާނުގައި ބުނީ ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ތާއީދު ނުކުރެވޭ ކަމަށެވެ. އެގޮތުންދިވެހީންނަކީ، ކޮރަޕްޝަނަށް އަބަދުވެސް ނޫނެކޭ ބުނާ ބައެއް ކަމަށާއި ދިވެހިންނަކީ ހަމަހަމަ ކަމަށް ލޯބިކުރާ އެއްބައިވަންތަ ބައެއް ކަމަށެވެ.

އަދާލަތު ޕާޓީން އިތުރަށް ބުނީ، އެޕާޓީ ވުޖޫދުވުމުގެ މައިގަނޑު ބޭނުމަކީވެސް ގައުމުގައި ހިނގަމުން އަންނަ ރަނގަޅު ނޫން ކަންކަން ހަމަމަގަށް އެޅުވުމަށް ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު އެމްޑީޕީ އާއި ޖޭޕީ އަދި އެމްއާރުއެމް އާއެކު ކޯލިޝަން ހެދީ ކުރީގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމާމެދު ހިތްހަމަ ނުޖެހުމުން ގައުމު ހަމަމަގަށް އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް