މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހައްޖާޖީން ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާއަށް ޖަމާވާން ފަށައިފި އެވެ.
ހައްޖާޖީން މައްކާއަށް ދާން ފަށާފައިވަނީ މިއަދު ހެނދުނު އެވެ.
ހައްޖާޖީން މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ޖިއްދާއިންނެވެ. ޖިއްދާއިން ހައްޖުވެރިން މައްކާއަށް ގެންދިއުމުގައި 200 ބަސް ބޭނުން ކުރާނެ ކަމަށް ސައުދީ ހައްޖު މިނިސްޓްރީން ބުނެ އެވެ.
މައްކާއަށް ދިއުމުގެ ކުރިން ހައްޖުވެރިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މޮބައިލް އެޕްލިކޭޝަނެއް ފޯނަށް ޑަައުންލޯޑު ކުރަން ޖެހެ އެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް ހައްޖުވެރިއާ އާއި ގުޅޭ ހުރިހާ މައުލޫމާތާއި އޭނާ ދިރިއުޅޭ ހޮޓާލާއި ސިއްހީ ހާލަތާއި ގުޅޭ ހުރިހާ މައުލޫމާތެއް ލިބޭނެ އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަ ކޮށްފައި އެވެ. އެގޮތުން 60،000 ހައްޖާޖީން ތޮވާފް ކުރުމާއި އެނޫންވެސް އަޅުކަންތައް ކުރުމުގައި ހަރަކާތްތެރިވާނީ އިޖްތިމާއީ ގައިދުރު ކަމުގައި އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވަނީ ކޯވިޑް ވެކްސިން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ އުމުރުން 65-18 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި އެ މީހުންނަކީ ބޮޑެތި ބައްޔަކަށް ފަރުވާ ކުރާ މީހުންނެއް ނޫނެވެ.
މީގެ އިތުރުން މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައި ވަނީ މިދިޔަ ފަސް އަހަރު ހައްޖުވެފައި ނުވާ މީހުންނަށެވެ. އަދި ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ސައުދީ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުންނަށެވެ.
މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ1،000 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް