ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސް ނެގޭނެ ގޮތަށް ގަވާއިދަށް އިސްލާހެއް

ލައިސަންސް ނުނަގައި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސް ނެގޭނެ ކަމަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރާ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ. އެއްގަމު އުޅަނދުފަހަރ...

17 Jul 2021 | 08:31

ލައިސަންސް ނުނަގައި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސް ނެގޭނެ ކަމަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރާ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދު އިސްލާހުކޮށް ލުޔެއް މިދިނީ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައި ތިބި މީހުންނަށް އެ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ނުލިބި އިތުރަށް ޖޫރިމަނާވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ކުރިން އަމަލުކުރަމުން އައި ގަވާއިދުގައި އޮންނަ ގޮތުން، ލައިސަންސް ނެތި އެއްގަމު އުޅަނދެއް ދުއްވައިގެން ދައްކަން ޖެހޭ އެއްވެސް ޖޫރިމަނާއެއް އޮތް ނަމަ، ލައިސަންސަށް އެދޭ އިމްތިހާނެއްގައި ބައިވެރިވެވޭނީ އެ ފައިސާ ދެއްކުމަށް ފަހު އެވެ.

ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް އެބަ ގެންދެ އެވެ.

ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާ މީހުންނަށް ލުޔެއް ދޭނީ ޖޫރިމަނާގެ ބަދަލުގައި މުޖުތަމައަށް ހިދުމަތެއް ކުރުމުން ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައިވެ އެވެ.

އެފަދަ މަސައްކަތެއް ކުރުވާ ގޮތަށް ޖޫރިމަނާ މާފުކުރެވޭނީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު 10،000ރ. އަށް ވުރެ މަތިވެފައިވާ މީހުންނަށެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުން ގަވާއިދާ ހިލާފުވެގެން އަހަރަކު 3،000 އާ ގާތްކުރާ އަދަދަކަށް މީހުން ޖޫރިމަނާކުރެ އެވެ. މީގެތެރޭގައި ތަކުރާރުކޮށް ޖޫރިމަނާ ކުރާ މީހުން ވެސް ހިމެނެ އެވެ. މިގޮތަށް ކުރާ ޖޫރިމަނާގެ ސަބަބުން ދައްކަން ޖެހޭ ފައިސާގެ އަދަދު ވެސް ބޮޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް