އެމްޑީޕީގެ ސަރުކާރަށް ތާއީދު ކުރުން ހުއްޓާލި ސަބަބަކީ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަަރު ހިސާން ހުސައިން ހުށައެޅުއްވި ބިލު، ފާސްނުކުރުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ނުފޫޒުން އެމްޑީޕީގެ އެންމެ އަަސާސީ ސިފަތައް ސަރުކާރުން ނައްތާލަމުންދާ ކަމަށެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގައި ގިނަ މަރުތަކެއް ހިނގާފައިވަނީ އެއީ މުސްލިމުން ނޫން ކަމުގައި ސިފަކޮށް ނަފުރަތު އުފައްދައިގެން އެޅުމަށް ފަހުގައި ކަމަށެވެ.
ޖިހާދު ކުރުމުގެ ފަތުވާތައް ހަރުކަށި ފިކުރުގެ މީހުން ތަންފީޒު ކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ދީނީ އިލްމުވެރިޔާ އަދި މަޖިލީހުގެ އުނގޫފާރު ދާއިރާގެ ެކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީއާއި، މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދުއާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރު ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެންމެ ފަހުން މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމާ އެކު، ސަރުކާރަށް ފެނިގެން މިފަަދަ ލޭބަލްތައް އެޅުމަކީ ޖިނާއީ ކުށަކަށް ހަދަން ފޮނުވި ބިލަށް ފަހުން ސަރުކާރުން ތާއީދު ހުއްޓާލި ކަން ނަޝީދު ހާމަކުރެއްވިއެވެ.
"ނަފުރަތު އުފެއްދުން ހުއްޓަން ފޮނުވި ބިލު ފާސްނުކުރަން ސަރުކާރުން އުޅުމުން އަޅުގަނޑަށް ވަރަށް ދަތި މި ސަރުކާރަށް ތާއީދު ކުރަން،" ބަޔާނުގައި ވެއެވެ.
ރައީސް ނަޝީދު ސަރުކާރަށް ފަޑުވިދާޅުވެ، ތާއީދު ނުކުރާކަން އިޢުލާން ކުރެއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެ ކަމަކާ މާ ބޮޑު ފަރުވާލެއް ނުބަހައްޓަވައެވެ. އެ މަނިކުފާނު ވިދާޅުވަނީ ހުރިހާ ފޯކަސް އެއް ހުރީ ވައުދު ފުއްދުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް