ބޭނުންވަނީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމު އިސްކުރާ ވެރިން: އުގައިލް

ގައުމަށް ބޭނުންވަނީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމު އިސްކުރާ ވެރިން ކަމަށް ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަހު އޮތް ގޮތަށް އިޝާރާތް ކުރައްވައި އުގެއިލް ކުރެ...

17 Jul 2021 | 07:59

ގައުމަށް ބޭނުންވަނީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމު އިސްކުރާ ވެރިން ކަމަށް ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަހު އޮތް ގޮތަށް އިޝާރާތް ކުރައްވައި އުގެއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ބޭނުންވަނީ ތެދުވެރި، އިހްލާސްތެރި، އަމާނާތްތެރި އަދި އަމިއްލަ މަސްލަހަތަށްވުރެ ގައުމާއި ގައުމުގެ ރައްޔިތުންގެ މަސްލަހަތު އިސްކުރާ ވެރިން ކަމަށެވެ.

https://twitter.com/ugail/status/1415943091119435781

އުގެއިލް މިހެން ވިދާޅުވިއިރު މި ދަނޑިވަޅުގައި ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައި ވެއެވެ.

އެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު ދެން ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ބައެއް މީހުން ހިތްހަމަނުޖެހުނަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ އެ ފަރާތްތަކުގެ އެހީއަށް އެދޭނެ ކަމަށްވެސް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކަމަށްވާއިރު އަންނަ އަހަރު އެކަމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދިޔުން މުހިއްމު ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކުރާ މަސައްކަތަށް ޕީޕީއެމް އާއި ޔާމީންގެ ތާއީދު ލިބޭނެ ކަމަށްވެސް ނަޝީދު އުއްމީދު ކުރެއެވެ.

ނަމަވެސް ޕީޕީއެމް އިން ވަނީ އެމްޑީޕީއާއެކު އެއްވެސް މަސައްކަތެއް ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އެ ޕާޓީގެ މައިގަނޑު މަސައްކަތަކީ ޔާމީން މިނިވަން ކުރުން ކަމަށް ބުނެފައެވެ.

ރައީސް ޞާލިހު ވެސް ވިދާޅުވަނީ ފޯކަސް ހުރީ ހަމައެކަނި ވައުދު ފުއްދުމަށް ކަމަށެވެ. އަދި އިތުރު ކަމަކަށް މި ވަގުތު ޝައުގެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް