އޮމްބަޑްސްޕާސަންއަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަތައް

އޮމްބަޑްސްޕާސަންގެ އޮފީހަށް މިދިޔަ މަހެއްހާ ދުވަހު 59 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައި ބޯހިޔާވަހިކަމުގެ މައްސަލަތައް ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ. އިންތިގާލީ...

17 Jul 2021 | 07:55

އޮމްބަޑްސްޕާސަންގެ އޮފީހަށް މިދިޔަ މަހެއްހާ ދުވަހު 59 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައި ބޯހިޔާވަހިކަމުގެ މައްސަލަތައް ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ތަހުގީގު ކުރެވޭނީ ޖެނުއަރީ 1953، އިން ފެށިގެން ނޮވެމްބަރު، 17، 2018 އާ ހަމައަށް ހިނގާފައިވާ ހާދިސާތަކެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީހުން ހުޅުވައިލީ، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ކިބައިން ނުވަތަ މަސައްކަތް ކުރަމުން އަންނަ މީހެއްގެ ކިބައިން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށެވެ.

ހުށަހެޅިފައިވާ މައްސަލަތަކުގެ ބާވަތަށްބަލާއިރު، އޭގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނައީ ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަނެގެން ހުށަހަޅާފައިވާ މައްސަލަތަކެވެ.

ދެވަނަ އަށް އެންމެ ގިނައިން މަސައްކަތްކުރުމުގެ ހައްގަށް އަރައިގަނެފައިވާ މައްސަލަތަކެވެ. އެއީ ޖުމްލަ މައްސަލަތަކުގެ 20.34 އިންސައްތައެވެ.

ދެން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި މުދަލާއި، އުގެނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން، ގާނޫނު ހިލާފަށް ހައްޔަރުކުރުމާއި ޒާތީ ދިރިއުޅުމުގެ މައްސަލަތައް ވެސް ފުރަތަމަ މަސް ދުވަހުގެ ތެރޭގައި އިންތިގާލީ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާ މައްސަލައެއް މަދުވެގެން ދެ އަހަރުގެ ތެރޭގައި ތަހުގީގުކޮށް ނިންމަންޖެހޭނެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު މި ސަރުކާރުގައި ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގްސަދުގަ އެވެ. މި އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލަތައް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމަންޖެހެ އެވެ. އެންމެ ފުރަތަމަ އިންތިގާލީ އިންސާފުގެ ގާނޫނު މަޖިލީހަށް ހުށައެޅިއިރު އޮތީ 2012 އިން، 2018ގެ ނިޔަލަށް، ގާނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް