ޕީޕީއެމް އަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ގެއްލުމުގެ ބިރު!

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ގެއްލުމުގެ ބިރު ބޮޑުވެއްޖެއެވެ. ޕީޕީއެމް އަށް އެ މަގާމު ގެއްލުމުގެ ބިރު އޮތީ، "މޯލްޑިވްސް ނޭޝަ...

17 Jul 2021 | 05:38

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ގެއްލުމުގެ ބިރު ބޮޑުވެއްޖެއެވެ.

ޕީޕީއެމް އަށް އެ މަގާމު ގެއްލުމުގެ ބިރު އޮތީ، "މޯލްޑިވްސް ނޭޝަނަލް ޕާޓީ"ގެ ނަމުގައި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ އައު ސިޔާސީ ޕާޓީގެ ސަބަބުންނެވެ. އެ ޕާޓިއަށް މިހާ ތަނަށް ރައްޔިތުންގެ މަޖިލީހުގެ 5 މެންބަރަކު ގުޅިވަޑައިގެންފައި ވެއެވެ.

އެއީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

ބޮޑު އަގުލަބިއްޔަތަކާއެކު މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ، އެގޮތުން އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ. އަދި މައިނޯރިޓީ ޕާޓީއަކީ އިދިކޮޅު ޕީޕީއެމްއެވެ. ޕީޕީއެމްގައި ތިއްބަވަނީ 6 މެމްބަރުންނެވެ.

އެހެންކަމަށް ވާއިރު، އަލަށް އުފައްދާ ޕަޓީއަށް އިތުރު ދެ މެމްބަރަކު ހަމަވެއްޖެ ނަމަ އެ ޕާޓީ ވެގެންް ދާނީ މައިނޯރިޓީ ޕާޓީ އަށެވެ.

މަޖިލީހުގެ ތެރެއިން އެ ޕާޓީއަށް އިތުރު މެމްބަރުންތަކެއް ސޮއިކޮށްފާނެތޯ ސުވާލުކުރުމުން ނާޒިމް ވިދާޅުވީ އެ ކަމަށް ވަކި އެއްޗެއް އަދި ދެންނެވެން ނެތް ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެ މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް