ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތައް ބޭނުން ކޮށްގެން ރާއްޖެ އިން ބޭރުގެ މުއާމަލާތުތައް ހިންގޭ ލިމިޓު ބޮޑުކޮށްފި އެވެ.
އެ ބޭންކުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރާއްޖެ އިން ބޭރުގައި ކްރެޑިޓް ކާޑުގެ ލިމިޓު މަހަކު 200 ޑޮލަރަށް ކުޑަކޮށްފަ އެވެ. މިއީ ރާއްޖެ އިން ބޭރުވާ ޑޮލަރުގެ އަދަދު މަދުކުރުނަށް ބީއެމްއެލުން އެޅި ފިޔަވަޅެކެވެ.
މިއަދު ގެނައި ބަދަލާއެކު، ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ބޭރުގެ މުއާމާލާތުތައް ހިންގަން ކޮންމެ މަހަކު 500 ޑޮލަރު ބޭނުން ކުރެވޭނެ އެވެ.
ބީއެމްއެލް އިން ބުނީ ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެއެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެއެވެ.
ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ބީއެމްއެލްގެ ކަސްޓަމަރުންނަށް މިހާރެކޭ ވެސް އެއްގޮތަށް ކޮންމެ ކާޑަކުން، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ. އަދި ބޭސްފަރުވާ އާއި ތައުލީމާ ގުޅުން ހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާއިރު، ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ އެވެ.
ބީއެމްއެލް އިން މިއަދު ބުނީ ފާއިތުވި ދުވަސްތަކުގައި ބޭންކުން ދިޔައީ މިހާލަތު ގާތުން ބަލަމުން ކަމަށާއި ކްރެޓިޑް ކާޑަށް ދެވިފައިވާ ލިމިޓް އިތުރުުކުރުމަށް ބޭންކުން ނިންމީ މިހާލަތުން އަރައިގަތުމުގައި ލިބެމުންދާ ކުރިއެރުމަށް ބަލާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް