ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވަކި ބަލިތަކަކަށް ބޭސްކުރައްވާ ބޭފުޅަކަށްވާތީ އެ ފަރުވާ ފުރިހަމަ ކުރެއްވުމަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުގެ ހުއްދަ ދޭން އާއިލާ އިން މިރޭ ސަރުކާރަށް ގޮވާލައިފި އެވެ.
ގާސިމްގެ މެއަށާއި ބޮލަށް ތަދުވެ ނޭވާ ކުރުވާގޮތް ދިމާވެގެން މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އިއްޔެ މެންދުރު އެވެ. ރޭ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އެއާޕޯޓަށް ދިޔަފަހުން ޕާސްޕޯޓު ހިފަހައްޓާފައި އޮވެގެން ނުފުރިގެންނެވެ.
ގާސިމަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ.
ގާސިމްގެ އާއިލާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާސިމާ މެދު އަނިޔާވެރިވެ ބޭއިންސާފުން ކަންކަން ނުކުރަން ސަރުކާރަށް ގޮވާލައިފާ ކަމަށެވެ. ގާނޫނީ ނިޒާމުން ބޭރުން އޭނާއާ މެދު ހިންގަމުންދާ އަމަލުތައް ވެސް ވަގުތުން ހުއްޓާލަން އާއިލާ އިން ވަނީ ގޮވާލައިފަ އެވެ.
ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތްކަން ގާސިމްގެ ގާނޫނީ ވަކީލުންނަށާއި އާއިލާއަށް އެނގުނީ ރޭ 9:34 ގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އާއިލާއިން ބުނީ އޭގެ ކުރިން އަށެއްޖަހާ ހާއިރު ފުރަން އެއާޕޯޓަށް ވަޑައިގެންނެވުމުން ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް އެންގީ އެއްވެސް ލިޔުމެއް ދެއްކުމަކާއި ނުލާ ކަމަށެވެ.
އާއިލާއިން ބުނެފައިވަނީ ގާސިމްގެ ޕާސްޕޯޓު ހިފަހައްޓައި އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީގޮތުން ނުރައްކާތެރިކަން ބޮޑު ހައްސާސީ ހާލަތަށް ބޭސް ކުރެއްވުމަށް ރާއްޖެ އިން ބޭރަށް ފުރައިގެން ދިއުން މަނާކުރާ ގޮތަށް ކޯޓުން ކޮށްފައިވާ އަމުރާ މެދު ކަންބޮޑުވާ ކަމަށެވެ.
ގާސިމް އިތުރު ފަރުވާއަށް ބޭރަށް ގެންދަން ނިންމީ މެޑިކާ ހޮސްޕިޓަލުގެ ޑޮކްޓަރުން އެގޮތަށް އިރުޝާދު ދެއްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް