ޝަހުސު އޮޅުވާލުމުގެ ދައުވާއަށް ފާރިސް އިންކާރު ކުރައްވައިފި

ގަވައިދާ ހިލާފަށް ހުއްދަ ނެތި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކުރިކަމަށް ބުނެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނަށް ދައުލަތުން އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާއަށް އޭނާ އިންކާރު ކުރައްވ...

17 Jul 2017 | 08:19

ގަވައިދާ ހިލާފަށް ހުއްދަ ނެތި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކުރިކަމަށް ބުނެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނަށް ދައުލަތުން އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ފާރިސް އެ ދައުވާއަށް އިންކާރު ކުރެއްވި ނަމަވެސް ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.

ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ، ފާރިސް ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެއެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ ކުށަށް އިއުތިރާފުވެއްޖެ ނަމަ އަދަބު ލުއި ވާނެ ކަމަށް ބުނެފައި އެވެ. އަދި ފާރިސް އާއި ދެކޮަޅަށް ހެކިތަކެއް ހުށަހަޅާފައި އެވެ.

ދައުލަތުން ހުށަހަޅާފައިވަނީ ސިއްރު ދެ ހެކިންނާއި އެ ޕްރެސްކޮންފަރެންސްގެ ކުރިން ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވާކަން އަންގައިދޭ އިލެކްޝަންސް ކޮމިޝަނުގެ ސިޓީ އަކާއި ޕްރެސް ކޮންފަރެންސްގެ ވީޑިއޯ ހިމެނޭ ސީޑީ އެކެވެ.

މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ދައުވާއަށް ތައްޔާރުވާން ބޭނުންވާ މައުލޫމާތު ޕީޖީ އޮފީހުން ހާމަކޮށްދީފައިނުވާތީ އިޖުރާއީ ނުކުތާއެއް ނަގާފައި އެވެ. އެހެންވެ ގާޒީ ވަނީ ދެން އޮންނަ އަޑު އެހުމެއްގެ ކުރިން އެ މައުލޫމާތު ފޯރުކޮށްދިނުމަށް ޕީޖީ އޮފީހަށް އަންގާފައި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ 11:30 ގައި ކަމަށެވެ. އަދި އެ ދުވަހު ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ފާރިސްއަސް ލިބޭނެ ކަމަށާއި، އެ ދުވަހު ދިފާއީ ހެކި ހުރި ނަމަ އެ ހެކި ހުށަހެޅުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް