ޕީޕީއެމްއެމް އިން ވަކިވި މެންބަރުންގެ ގޮނޑިއެއް ނުގެންލޭނެ: އެ މެންބަރުން

ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އުފެދިފައިވާ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބި ޕީޕީއެމްއިން މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަކިވެވަޑައިގެންނެވި މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަން ކަ...

17 Jul 2017 | 07:59

ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އުފެދިފައިވާ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބި ޕީޕީއެމްއިން މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަކިވެވަޑައިގެންނެވި މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަން ކަށަވަރުވެއްޖެ ކަމަށް އެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެއްލެވުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށެވެ. އެ ހުކުމާއި މެދު އިދިކޮޅު ފަރާތްތަކުން ސުވާލު ކުރަމުން ދަނިކޮށް އެ ހުކުމާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ރޭ ވަނީ އަމުރެއް ނެރެފައި އެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ބުނެފައިވަނީ އެ ހުކުމަކީ މާޒީގައި ހިނގާފައިވާ ކަމަކަށް ތަންފީޒު ކުރާނެ ހުކުމެއް ނޫންކަމަށެވެ. އޭގެ މާނަ އަކީ އެ ހުކުމުގެ ކުރިން ހިނގާފައިވާ ކަމަކާއި ގުޅިގެން މެންބަރުންގެ ގޮނޑި ނުގެއްލޭނެ އެވެ.

ރޭގެ އަމުރާއި ގުޅިގެން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ރޭ ނެރުނު އަމުރުން އޭނަ އަކީ ޕީޕީއެމް މެންބަރެއް ނޫންކަން ސާފުވެ، ރައްޔިތުން އިންތިހާބު ކުރި ގޮނޑި ނުގެއްލޭނެ ކަން ކަށަވަރުވެއްޖެ ކަމަށެވެ. ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ މަސީހައި ދެކޮޅަށް ވޯޓު ދިނުމަށް ސޮއި ކުރެއްވި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގަ ސޮއި ކުރެއްވި ޕީޕީއެމް މެންބަރުންގެ ގޮނޑި ގެއްލިދާނެކަމާއި މެދު ސުވާލު އުފެދުނީ އެ މެންބަރުން ޕީޕިއެމްއިން ވަކިކޮށްދެވެން ނެތް ކަމަށް އެޕާޓީން އެންގުމުންނެވެ. ޕީޕީއެމްއިން ވަނީ މީގެ ކުރިން އެ ޕާޓީން ވަކި ކުރި މެންބަރުންގެ މައްސަލަވެްސް އަލުން މުރާޖާ ކުރަމުންދާ ކަމަށް ބުނެ ޕާޓިގެ ދަފްތަރުން އުނިކޮށްދިނުމަށް ދެކޮޅު ހަދާފައި އެވެ.

ޕީޕީއެމްއިން މީގެ ކުރިން ވަކިކޮށްފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް، މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެވެ.

މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގަ މިދިޔަ ހަފްތާގައި އަމިއްލއަށް ވަކިވެވަޑައިގެންނެވީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ،  ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.

އެކަމާއި ގުޅިގެން އަމިއްލައަށް ވަކިވެވަޑަައިގެންނެވި މެންބަރުން ވިދާޅުވެފައިވަނީ ގޮނޑިގެއްލުނަސް ވޯޓު ލާނީ މަސީހު އާއި ދެކޮޅަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް