ޔޫޓިއުބާ ލިލީ ސިންހު ޔުނިސެފުގެ ގުޑްވިލް އެމްބަސޭޑަރަކަށް

އިންޑިއާއަށް ނިސްބަތްވާ، ކެނަޑާއަށް އުފަން މަޝްޙޫރު ޔޫޓިއުބާ ލިލީ ސިންހު ޔުނިސެފުގެ ގުޑްވިލް އެމްބަސޭޑަރަކަށް ހަމަޖައްސައިފި އެވެ. ސުޕާވުމަންގެ ނަމުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ، އ...

17 Jul 2017 | 02:30

އިންޑިއާއަށް ނިސްބަތްވާ، ކެނަޑާއަށް އުފަން މަޝްޙޫރު ޔޫޓިއުބާ ލިލީ ސިންހު ޔުނިސެފުގެ ގުޑްވިލް އެމްބަސޭޑަރަކަށް ހަމަޖައްސައިފި އެވެ.

ސުޕާވުމަންގެ ނަމުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ، އުމުރުން 28 އަހަރުގެ ލިލީއަށް އެ މަޤާމު ހަވާލުކުރީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޚާއްޞަ ޙަފްލާއެއްގަ އެވެ.

ގުޑްވިލް އެމްބަސޭޑަރެއްގެ ގޮތުން ލިލީގެ މަސްޢޫލިޔަތަކީ، ޔޫޓިއުބު ފަދަ ލިލީ ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަޤީރު ހާލަތުގައި ދިރިއުޅެމުންދާ ކުޑަކުދިންނާއި ޒުވާނުންނަށް އެ މީހުންގެ ޙައްޤުތައް ހޯދުމަށް މަސައްކަތްކޮށް އަޑު އުފުލުމަށް ހިތްވަރުދިނުމެވެ. ލިލީ ވަނީ ޔުނިސެފާއެކު އިންޑިއާގެ މަދްޔަ ޕްރަދޭޝަށް ޒިޔާރަތްކޮށް، ދިރިއުޅުމުގެ އެކިކަހަލަ ދަތިތަކާއި ފަޤީރުކަންމަތީ ދިރިއުޅެމުންދާ ކުޑަކުދިންނާއި ބައްދަލުކޮށް، އެ ކުދިންގެ ދިރިއުޅުން ރަނގަޅު ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ލިލީ ބުނީ އެ މަޤާމު ލިބުމުން ފަޙުރުވެރިވާކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި އެ ކުދިންގެ އަޑު ދުނިޔެއަށް އިއްވާލުމަށް އޭނާއަށް ކުރެވެން އޮތް ހުރިހާކަމެއް ކޮށްދޭނެކަމަށެވެ.

ގާތްގަނޑަކަށް 11 މިލިއަން ސަބްސްކުރައިބާސްއާއެކު ލިލީ ޔޫޓިއުބުގައި ވަރަށް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވެ އެވެ. ދާދިފަހުން ލިލީވަނީ އެނާ ލިޔުނު ފޮތެއްވެސް ނެރެފަ އެވެ. އަދި ލިލީ މިހާރުދަނީ އެޗްބީއޯއިން ތައްޔާރުކުރާ ފިލްމެއްގައި މަސައްކަތްކުރަމުންނެވެ.

މިދިޔަ ޖޫން މަހު ފޯބްސް މެގަޒިންއިން ނެރުނު ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައިވެސް ލިލީވަނީ ހިމެނިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް